10 Jun 2017, 11:24
ރެއާލް މެޑްރިޑް ފަހަތަށް ޖައްސާލުމަށްފަހު، ވިޔަފާރި މެގަޒިން ފޯބްސް އިން ހޮވާ ދުނިޔޭގެ އެންމެ މުއްސަނދި ކްލަބު ތަކުގެ ލިސްޓުގެ އެންމެ ކުރިއަށް މެންޗެސްޓާ ޔުނައިޓެޑް ޖެހިލައިފިއެވެ.
ޔުނައިޓެޑްގެ އަގު 3.69 ބިލިއަން ޑޮލަރަށް އަރާއިރު، މިއީ ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ޓީމު މި ލިސްޓުގެ އެންމެ ކުރިއަށް އެރި ފުރަތަމަ ފަހަރެވެ.
ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑް، 3.58 ބިލިއަން ޑޮލަރުގެ އަގާއެކު ފޯބްސްއިން ހޮވާ އެންމެ މުއްސަނދި ކްލަބްތަކުގެ ލިސްޓުގެ ތިން ވަނައަށް ވެއްޓިފައި ވާއިރު، 3.64 އަގަކާއެކު އެ ލިސްޓުގެ ދެވަނައިގައި އޮތީ ބާސެލޯނާއެވެ.
މި ލިސްޓުގައި ހިމެނޭ އެންމެ މުއްސަނދި 10 ކްލަބުގެ ތެރޭގައި ޔުނައިޓެޑާއެކު އިނގިރޭސި ހަ ކްލަބު ހިމެނެއެވެ. އެއީ މެންޗެސްޓާ ސިޓީ، އާސެނަލް، ޗެލްސީ، ލިވަޕޫލް އަދި ޓޮޓެންހަމްއެވެ.
ޖަރުމަނުގެ ޗެމްޕިއަންސް ބަޔާން މިއުނިކު އެ ލިސްޓުގެ ހަތަރު ވަނައިގައި އޮތްއިރު އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއަށް ލިބެނީ ލިސްޓުގެ ނުވަ ވަނައެވެ.
ނިމި ދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ކާމިޔާބުކުރި ރެއާލުން ވޭތުވެ ދިޔަ ހަތަރު އަހަރު ދުވަހު ރިޗް ލިސްޓުގެ އެންމެ ކުރީގައި ހިފަހައްޓަމުން ދިޔަ ނަމަވެސް އެ ކްލަބުގެ އަގު 2 ޕަސެންޓު ދަށްވެ އަދި މެންޔޫގެ އަގު ވަނީ 11 ޕަސެންޓް މައްޗަށް ޖެހިލައިފައެވެ.
ފޯބްސްގެ މީޑިއާ އެސިސްޓެންޓް މެނޭޖިންގ އެޑިޓަރު މައިކް އޮޒޭނިއަން ވިދާޅުވީ، މުއްސަނދި ކްލަބްތަކުގެ ލިސްޓުގެ ކުރިއަށް މެންޗެސްޓާ ޔުނައިޓެޑް ޖެހިލާފައި ވަނީ އެކްލަބުގެ ބްރޭންޑާއި މާކެޓިން ވަރުގަދަވުމުން ކަމަށެވެ.
އެންމެ މުއްސަނދި 20 ކްލަބު
- މެންޗެސްޓާ ޔުނައިޓެޑް (3.69 ބިލިއަން ޑޮލަރު)
- ބާސެލޯނާ (3.64 ބިލިއަން ޑޮލަރު)
- ރެއާލް މެޑްރިޑް (3.58 ބިލިއަން ޑޮލަރު)
- ބަޔާން މިއުނިކް (2.71 ބިލިއަން ޑޮލަރު)
- މެންޗެސްޓަރ ސިޓީ (2.08 ބިލިއަން ޑޮލަރު)
- އާސެނަލް (1.93 ބިލިއަން ޑޮލަރު)
- ޗެލްސީ (1.85 ބިލިއަން ޑޮލަރު)
- ލިވަޕޫލް (1.49 ބިލިއަން ޑޮލަރު)
- ޔުވެންޓަސް (1.26 ބިލިއަން ޑޮލަރު)
- ޓޮޓެންހަމް (1.06 ބިލިއަން ޑޮލަރު)
- ޕީއެސްޖީ (841 މިލިއަން ޑޮލަރު)
- ބޮރޫޝިއާ ޑޯޓްމަންޑް (808 މިލިއަން ޑޮލަރު)
- އޭސީ މިލާން (802 މިލިއަން ޑޮލަރު)
- އެތުލެޓިކޯ މެޑްރިޑް (732 މިލިއަން ޑޮލަރު)
- ވެސްޓްހާމް ޔުނައިޓެޑް (634 މިލިއަން ޑޮލަރު)
- ޝާލްކޭ 04 (629 މިލިއަން ޑޮލަރު)
- ރޯމާ (569 މިލިއަން ޑޮލަރު)
- އިންޓަ މިލާން (537 މިލިއަން ޑޮލަރު)
- ލެސްޓާ ސިޓީ (413 މިލިއަން ޑޮލަރު)
- ނަޕޯލީ (379 މިލިއަން ޑޮލަރު)