10 Jun 2017, 11:10
ދޯހާ(ޖޫން 9): ގަލްފުގެ ގައުމުތަކުން ގަތަރާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުރިކުރުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ގޮވާއްލައްވައިފި އެވެ.
ޓިލާސަން ވިދާޅުވި ގޮތުގައި އެފިޔަވަޅުތަކުގެ ސަބަބުން އިންސާނިއްޔަތާ ގުޅުން ހުރި މައްސަލަތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އަދި ގަތަރުން ޓެރަރިޒަމަށް ފަންޑު ކުރުން ހުއްޓާލުމަށް އިތުރު މަސައްކަތްތައް ކުރަން ޖެހޭ ކަމަށް ޓިލާސަން ފާހަގަ ކުރެއްވި އެވެ.
އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ގަތަރުން ޓެރަރިޒަމްއަށް ފަންޑު ކުރާކަމަށް ތުހުމަތުކޮށް، އެކަން ހުއްޓާލުމަށް ގޮވާލައްވާފައެވެ.
މިދިޔަ ހަފްތާގެ ހޯމަ ދުވަހު ގަތަރާ ގުޅުން ކަނޑާލި އަރަބި ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއާ، ޔުނައިޓެޑް އެރެބް އެމިރޭޓްސް، މިސްރު އަދި ބަހްރެއިން ހިމެނެ އެވެ. އެއާއެކު ބަހްރެއިން، ސައުދީ އަރަބިއާ އަދި ޔޫއޭއީން ވަނީ އެގައުމުތަކުގައި ތިބި ގަތަރުގެ ރައްޔިތުން އެގައުމުތަކުން ފޭބުމަށް ދެ ހަފްތާގެ މުހުލަތެއް ދީފައެވެ.
"އެފިޔަަވަޅުތަކުގެ ސަބަބުން އިންސާނިއްޔަތާ ގުޅުން ހުރި މައްސަލަތަކާ ކުރިމަތިލާންޖެހޭ. އެގޮތުން ކާނާ ނުލިބުމާއި، އާއިލާތައް ވަކިކުރުމާއި، ކުޑަކުދިން ސްކޫލަށް ނުފޮނުވުން ފަދަ ކަންތައް ފެނިގެން އެބަދޭ،" ޓިލާސަން ވިދާޅުވި އެވެ.
މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު ވައިގެ މަރުކަޒު ހުންނަނީ ގަތަރުގައެވެ. އަދި ގަތަރުގެ މައްސަލައިގެ ސަބަބުން އެސަރަހައްދުގައި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކަށާއި އެހެން ގައުމުތަކުން އެސަރަހައްދުގައި ކުރާ ވިޔަފާރިއަށް ވަނީ ހުރަސްއެޅިފައި ކަމަށް ޓިލާސަން ވިދާޅުވި އެވެ.
މީގެ އިތުރުން ޓިލާސަން ވަނީ ގަތަރުގެ މައްސަލަ ހައްލު ކުރުމަށް ކުވޭތުން ކުރަމުންދާ މަސައްކަތަށް އެމެރިކާއިން ތާއިދު ކުރާ ކަމަށް ވިދާޅުވެފައެވެ.
ސައުދީ އަރަބިއާއިން ވަނީ ގަތަރާ އަލުން ގުޅުން ގާއިމު ކުރާނީ އެގައުމުން ފަލަސްތީނުގެ ހަމާސް އާއި މިސްރުގެ މުސްލިމް ބްރަދަހުޑް ފަދަ ޖަމާއަތްތަކާ ގުޅުން ކަނޑާލުމުން ކަމަށް ބުނެފައެވެ.
ނަމަވެސް ގަތަރުން ވަނީ އެގައުމުން ޓެރަރިޒަމަށް ފަންޑު ކުރާ ކަމަށް ބުނާ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި ގަތަރާ ގުޅުން ކަނޑާލި ގައުމުތަކާ އަލުން ގުޅުން ބަދަހި ކުރުމަށް އެގައުމުގެ ހާރިޖީ ސިޔާސަތަށް ބަދަލު ނުގެންނާނެ ކަމަށް ބުނެފައެވެ. (ބީބީސީ)