ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ލަގްޒަމްބާގް އަތުން 5-0 ލަނޑުން މޮޅުވެ ނެދަލޭންޑްސް އިން ކޮލިފައިންގެ އުންމީދު އާކުރި އިރު، ގައުމީ ފުޓްބޯޅަ ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ ޝަރަފް ވެސްލީ ސްނެއިޑާއަށް ލިބިއްޖެއެވެ.

ގައުމީ ޓީމަށް 130 މެޗު ކުޅެގެން ނެދަލެންޑްސް އަދި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ލެޖެންޑް ގޯލްކީޕަރު އެޑްވިން ވެންޑަސާ ގާއިމުކޮށްފައިވާ ރެކޯޑް ސްނެއިޑާ މުގުރާލީ އޭނާގެ 33 ވަނަ އުފަންދުވަހުއެވެ. ހުކުރު ދުވަހުގެ ރޭ ރޮޓަޑަމްގައި ކުޅުނު އެ މެޗުގައި ސްނެއިޑާ ވަނީ ލަނޑެއްވެސް ކާމިޔާބުކޮށްފައެވެ.

ގަލަތަސަރާއީގެ މިޑްފީލްޑަރަކަށް ކުޅެމުން އަންނަ ސްނެއިޑާ، ވެންޑަސާ 2008 ވަނަ އަހަރުން ފެށިގެން ހިފަހައްޓަމުން އަންނަ ރެކޯޑާ އަރައި ހަމަކުރީ، އާދީއްތަ ދުވަހު އައިވަރީކޯސްޓް އަތުން 5-0 ލަނޑުން ނެދަލޭންޑްސް މޮޅުވި މެޗުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައިގެންނެވެ.

ކުރިން އަޔެކްސް، ރެއާލް މެޑްރިޑް އަދި އިންޓައަށް ކުޅެފައިވާ ސްނެއިޑާ އޭނާގެ އުފަންދުވަހާ ދިމާކޮށް ގައުމީ ޓީމުގެ ރެކޯޑެއް މުގުރައިލި އިރު، އޭނާ ވަނީ އެ މެޗުގެ ކުރީން ލަގްޒަމްބާގު އަތުން މޮޅުވުމުގެ މުހިއްމުކަމާ ބެހޭގޮތުންވެސް ވާހަކަދައްކައިފައެވެ.

ނެދަލޭންޑްސް ޓީމުގެ ކޯޗު ކަމާ، ޑިކް އެޑްވޮކާޓް ތިން ވަނަ ފަހަރަށް ހަވާލުވެ ކުޅުނު ފުރަތަމަ މެޗުން އެޓީމު މޮޅުވި އިރު، ފުރަތަމަ ހާފްގެ 21 ވަނަ މިނިޓްގައި ނެދަލޭންޑަށް ލީޑު ނަގައި ދިނީ، އާރްޔަން ރޮބޭންއެވެ. އޭނާގެ މި ލަނޑާއެކު ޑަޗް ޓީމަށް ޖުމުލަ 33 ލަނޑު ކާމިޔާބުކޮށްދީގެން ރޮބެން ވަނީ، އެޓީމަށް ހަތްވަނައަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ހަތަރު ކުޅުންތެރީންގެ ތެރޭގައި ހިމެނިފައެވެ. އޭގެ ތެރޭގައި ޔޯހަން ކްރައިފްވެސް ހިމެނެއެވެ.

ފުރަތަމަ ހާފްގެ 34 ވަނަ މިނިޓްގައި ސްނެއިޑާ ކާމިޔާބުކޮށްދިން ލަނޑާއެކު ނެދަލޭންޑްސްއިން ދެވަނަ ހާފް ފެށި ލަނޑުގެ ލީޑެއްގައެވެ. ބާރު ހަމަލާއަކާއެކު އެޓީމުގެ ތިން ވަނަ ލަނޑު ޖޯޖީނިއޯ ވީލްނަލްޑަމް ކާމިޔާބުކޮށްދިން އިރު، ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކްއިންސީ ޕްރޮމޭސްއެވެ. އަދި ފަހު ހާފް ނިމެން ދަނިކޮށް ލިބުނު ޕެނަލްޓީއަކުން ނެދަލޭންޑްސްގެ ފަސްވަނަ ލަނޑު ޖަހައިދިނީ ވިންސެންޓް ޔާންސެންއެވެ.

ކޯޗް ޑިކް ވާޓް އޭނާގެ އަމިއްލަ ގައުމުގެ ގައުމީ ޓީމާ ހަވާލުވެފައި މިވަނީ، އެޓީމަށް މޮޅަކަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ރޭ ލަގްޒަމްބާގު އަތުން މޮޅުވެ، ރަޝިއާގައި އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ހުޅުކޮޅު އަލުން ރޯކޮށްލިއިރު، ގްރޫޕް "އޭ"ގެ ތިން ވަނައިގައި އޮތް ނެދަލޭންޑަށް ދެން ވާދަކުރާން ޖެހޭނީ، އެޓީމަށްވުރެ ތިން ޕޮއިންޓް ކުރިހޯދައިގެން ގްރޫޕް އެއްވަނައިގައި އޮތް ފްރާންސާ ދެކޮޅަށެވެ.

ގްރޫޕް އޭގެ އެންމެ ކުރީގައި އޮތް ފްރާންސާއި ސްވިޑްންއަށް ވެސް 13 ޕޮއިންޓް ލިބިފައިވާ އިރު، އަންނަ އޯގަސްޓު މަހު ފްރާންސްގައި އެޓީމާ ދެކޮޅަށް ނެދަލެންޑްސް ކުޅޭ މެޗަކީ މި ތިން ޓީމަށްވެސް ވަރަށް މުހިއްމު މެޗަކަށް ވެގެންދާނެއެވެ.