10 Jun 2017, 00:23
ކޮންމެ އަނިޔާއެއް ދިން ނަމަވެސް ބިރުން ފަހަތަކަށް ނުޖެހޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
ދިހަ މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމަށް ފަހު މިނިވަންވެ ވަޑައިގެން މިރޭ އިދިކޮޅު ފަރާތްތަކުން އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަހުލޫފު ވިދާޅުވީ ގިނަ ދުވަސްތަކެއް ޖަލުގައި ހޭދަ ކުރުމަށް ފަހު އައި ނަމަވެސް މިނިވަން ކަމުގެ އިހުސާސް ނުކުރެވޭ ކަމަށެވެ.
މަހުލޫފު ވިދާޅުވީ މާފުށި މާ ކުޑަ ޖަލަކުން ނުކުމެގެން މިއަދު އާދެވުނީ އެޔައްވުރެ މާ ބޮޑު ޖަލަކަށް ކަމަށާއި އެއީ "ދިވެހިރާއްޖެ" ކަމަށެވެ.
އޭނާ ވިދާޅުވީ މާފުށީ ޖަލުގައި ތިބި ގައިދީންނަކީ އެމީހުންގެ ކިބައިން ގާނޫނުއަސާސީން ލިބިދީފައިވާ ގިނަ ހައްގުތަކެއް ނިގުޅައިގެންފައިވާ ބައެއް ކަމަށެވެ.
ސިޔާސީ ގޮތުން ނުހައްގުން ޖަލަށް ލާފައިވާ މީހުން މިނިވަން ވަންދެން ފަހަތަށް ނުޖެހި މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަލުން އަނބުރާ ޖަލަށް ދާން ޖެހުނު ނަމަވެސް ސާބިތުވެ ހުންނާނަން،" މަހުލޫފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖަލުގައި ވޭތުކުރި 11 މަހެއްހާ ދުވަހަކީ ވަރަށް ހިތްދަތި ވަރަށް އަނިޔާވެރި ދުވަސްތަކެއް ކަމަށެވެ. އަދި އެދުވަސްތަކުގައި އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް މަހުލޫފު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. ހާއްސަކޮށް މަހުލޫފުގެ އަންހެނުން ނަޒްރާ ނަސީމްގެ ނަން ފާހަގަކުރެއްވި އެވެ.
މަހުލޫފު ވިދާޅުވީ އޭނާއާ އެކު ޖަލުގައި އަށް މަސްދުވަސް ހޭދަ ކުރެއްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ވަރަށް ހާއްސަ ޝުކުރެއް އަދާ ކުރާ ކަމަށެވެ. އަދީބުގެ ސިއްހީ ހާލަތު ހުރިގޮތް ވަރަށް ގާތުން ފެނިފައިވާ ކަމަށާއި، އަދީބަކީ އިންސާނަކަށްވީތީ ބޭސްފަރުވާގެ ފުރުސަތު ދޭން ޖެހޭ ކަމަށް މަހުލޫފު ވިދާޅުވި އެވެ.