09 Jun 2017, 21:26
ގައުމީ އެއާލައިން މޯލްޑިވިއަންއަށް އެއާބަސް އޭ330 މަރުކާގެ މަތިންދާބޯޓެއް ހޯދުމަށް އިއުލާން ކޮށްފިއެވެ. މިއީ ގައުމީ އެއާލައިނުގެ ފްލީޓަށް ގެންނަ އެންމެ ފުރަތަމަ ވައިޑް ބޮޑީ އެއާކްރާފްޓެވެ.
މޯލްޑިވިއަންއިން މި މަހުގެ ހަތަރުވަނަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުން، އޭ330 މަރުކާގެ ބޯޓެއް އެ އެއާލައިނަށް ބޭނުންވަނީ އަންނަ ޖުލައި މަހުގެ 23 ވަނަ ދުވަހުން ފެށިގެން، އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.
ވެޓް ލީޒްގެ އުސޫލުން ކުއްޔަށް ގެންނަ މި މަތިންދާ ބޯޓު ބޭނުންކުރަން ރާވާފައިވަނީ، ޗައިނާއަށް ދަތުރު ކުރުމަށެވެ. މޯލްޑިވިއަނުންް ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، އޭ330 މައުކާގެ ބޯޓުގައި، މާލެއާ ބެއިޖިންގްއާ ދެމެދު ހަފްތާއަކު ދެ ދަތުރު، އަދި މާލެއާ ޝަންގްހާއީއާ ދެމެދު ހަފްތާއަކު ތިން ދަތުރުު ކުރުމަށް ވަނީ ނިންމާފައެވެ.
މިހާރު މޯލްޑިވިއަނުން ބޭނުންކުރާ އެއާބަސްގެ އެއާކްރާފްޓުތަކަކީ 200 މީހުންގެ ޖާގައިގެ، އޭ321 ބޯޓަކާއި، 152 މީހުންގެ ޖާގައިގެ، އޭ320 މަރުކާގެ ބޯޓެކެވެ.
މޯލްޑިވިއަނުން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ގެންނަން އުޅޭ އޭ330 މަރުކާގެ ބޯޓުގައި ޢާންމުގޮތެއްގައި، 247 މީހުންގެ ޖާގަ އޮވެއެވެ.
މޯލްޑިވިއަނުން މިއަހަރުގެ މާޗު މަހުގެ ތެރޭގައިވެސް ވަނީ ބޯޓެއް ކުއްޔަށް ގެނައުމަށްޓަކައި އިއުލާން ކޮށްފައެވެ. މިހާރުވެސް އެ އެއާލައިނުގައި އޮންނަ މޮޑެލްއެއް ކަމުގައިވާ އެއާބަސް އޭ321 މަރުކާގެ ބޯޓެއް މިއަހަރުގެ ތެރޭގައި ގެނައުމަށް ނިންމާފައިވެއެވެ.
މޯލްޑިވިއަން އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސެސްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު "ސަން"އަށް ވިދާޅުވި ގޮތުގައި، އެ އިއުލާނުގައިވާ ފަދައިން އޭ321 މަރުކާގެ ބޯޓެއް ހޯދުމުގެ މަސައްކަތް އެކުންފުނިން ދަނީ ކުރަމުންނެވެ.