09 Jun 2017, 17:50
މެންޗެސްޓާ ޔުނައިޓެޑާއެކު ސްވިޑްންގެ ތަރި، ޒްލަޓަން އިބިރަހިމޮވިޗް ހަދާފައިވާ އެއް އަހަރު ދުވަހުގެ އެއްބަސްވުން މިހިނގާ ޖޫންމަހުގެ 30 ވަނަ ދުވަހު ހަމަވާއިރު، ޔުނައިޓެޑުން އޭނާއަށް އިތުރު ފުރުސަތެއް ދޭނޭކަމަށް ނުބެލެވޭކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އުމުރުން 35 އަހަރުގެ ސްވިޑުން ފޯވާޑް މިދިޔަ އަހަރުގެ ޖޫންމަހު ޔުނައިޓެޑާއެކު އެއް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރީ، ދެވަނަ ސީޒަނަކަށް އެ ކްލަބުގައި މަޑުކުރުމަކީ އިޚްތިޔާރެއްގެ ގޮތުގައި ބާއްވައިގެންނެވެ.
ފްރީ ޓްރާންސްފާއެއްގައި ފްރާންސްގެ ޕީއެސްޖީއިން ޔުނައިޓެޑާ ގުޅުނު ފޯވާޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް، އޭޕްރީލް މަހުގެ 20ގައި، އެންޑަލެޗާ ދެކޮޅަށް ކުޅުނު ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގައި އޭނާގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އިބްރަހިމޮވިޗަށް ވަނީ ކުޅުމާ ދުރުގައި ހުންނާން ޖެހިފައެވެ. ނިމިދިޔަ ފުޓްބޯޅަ ސީޒަންގެ 10 މެޗެއް އޭނާއަށް ވަނި އަނިޔާގެ ސަބަބުން ގެއްލިފައެވެ.
އިބްރަހިމޮވިޗް ޔުނައިޓެޑާ ގުޅުމަށް ފަހު އެޓީމަށް ކުޅުނު 46 މެޗުގައި ޖުމުލަ 28 ލަނޑު ކާމިޔާބުކޮށްފައި ވީނަމަވެސް، އެ ކްލަބުން އޭނާއަށް އިތުރު ފުރުސަތެއް ދިނުމުގެ އެއްވެސް މަޝްވަރާއެއް މިހާތަނަށް ކޮށްފައި ނުވާކަމަށް ވެއެވެ.
އެތުލެޓިކޯ މެޑްރިޑްގެ ފްރާންސް ފޯވާޑް އެންޓޮއިން ގްރީޒްމަންއަށް މޮރީނިއޯގެ ޝައުގުވެރިކަން ހުއްޓިފައިވާއިރު، ޔުނައިޓެޑްގައި އިބްރަހިމޮވިޗަށް އިތުރު ފުރުސަތެއް ލިބޭނޭ ކަމަށް ނުބެލެވޭކަމަށް ރިޕޯޓުތައް ބުނެއެވެ.
މީގެ އިތުރުން ޔުނައިޓެޑްގެ ޓްރާންސްފާ ލިސްޓުގައި ރެއާލް މެޑްރިޑްގެ އަލްވާރޯ މޮރާޓާއާއި ޓޮރިނޯގެ އެންޑްރިއޭ ބެލޮޓީގެ އިތުރުން، އެވަޓަންގެ ފޯވާޑް ރޮމެލޫ ލުކާކޫވެސް ހިމެނެއެވެ.
އީއެސްޕީއެންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިބްރަހިމޮވިޗް މިހާރު ދަނީ، އެމެރިކާގެ މޭޖަރ ލީގު ސޮކަރގެ ކްލަބެއް ކަމަށްވާ އެލްއޭ ގެލެކްސީއާ މަޝްވަރާކުރަމުންނެވެ.