ބ. ތުޅާދޫގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ޑީއާރްޕީގެ މެންބަރު އުމެއިރާ އަބޫބަކުރުގެ ގޮނޑިއަށް މެންބަރަކު ހޮވުމުގެ މަސައްކަތް އިލެކްޝަން ކޮމިޝަނުން ކުރަމުންދާތީ އެކަން ހުއްޓުވައި ދިނުމަށް އެދި ސިވިލް ކޯޓަށް ޑީއާރްޕީން މައްސަލަ ވައްދައފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ތުޅާދޫ ކައުންސިލްގެ ބައި އިލެކްޝަނެއް ބާއްވަން އިލެކްޝަނުން ކުރަމުންދާ މަސައްކަތް ހުއްޓުވައި ދިނުމަށް އެދި އެ މައްސަލަ ޑީއާރަޕީ އާއި އުމެއިރާގެ ފަރާތުން ކޯޓަށް ވެއްދީ އިއްޔެ ކަމަށާއި އަދި ޝަރީއަތް ހިންގުމަށް ފަހު ކޯޓުން ކުރާ ހުކުމަކަށް ތަބާ ވާނެ ކަމަށެވެ.

މަގުބޫލު އުޒުރެއް ނެތި ކައުންސިލްގެ ހަތް ޖަލްސާ އަށް ވަޑައިނުގެންނަވާ ކަމަށް ބުނެ ތުޅާދޫ ކައުންސިލްގައި ހިމެނިވަޑައިގެންނަވާ ހަމައެކަނި ޑީއާރްޕީގެ މެންބަރު، އުމެއިރާ އަބޫބަކުރު އެ މަގާމުން ވަކިކުރި މައްސަލައިގައި ރޮޒެއިނާ ވިދާޅުވީ އެ ހަތް ޖަލްސާ ވެސް ބާއްވާފައި ވަނީ ގަވާއިދާ ޚިލާފަށް ކަމަށާއި ޖަލްސާ ބޭއްވި އިރު އެކަން އުމެއިރާ އަށް ނާންގާ ކަމަށެވެ.

"ހަތް ޖަލްސާ ބޭއްވިފައި ވާއިރު އެ ހަތް ޖަލްސާ ބާއްވާފައި ވަނީ ގާނޫނާ ޚިލާފަށް. ހަތް ޖަލްސާ އަށް އުމެއިރާ އަކަށް ނެތް ދައުވަތު އެރުވިފަ އެއެއް. އެހެންވީމަ އުމެއިރާ އަށް އެނގިގެން ބޭއްވި ޖަލްސާ ތަކެއް ނޫން އެއީ،" ރޮޒެއިނާ ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވީ މައްސަލަ ޖެހުނީ އިލެކްޝަނަށް ފޮނުވި ސިޓީ ބަލަން ވާވަރަށް ނުބަލާ ބައި އިލެކްޝަން އިޢުލާން ކުރި ހިސާބުން ކަމަށެވެ.

އިލެކްޝަނުން ބުނެފައި ވަނީ ތުޅާދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑި އަށް މެމްބަރަކު އިންތިހާބު ކުރުމަށް ބައި އިލެކްޝަނެއް ބޭއްވުމަށް ނިންމީ ތުޅާދޫ ކައުންސިލުން އެ ކައުންސިލްގެ ގޮނޑިއެއް ހުސްވެފައިވާތީ ބައި އިލެކްޝަނެއް ބޭއްވުމަށް އެދުމުން، ކޮމިޝަނުގެ ޚާއްސަ ޖަލްސާ އެއް އިލެކްޝަނުން ބާއްވައި އެވަގުތު މާލޭގައި ތިއްބެވި މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ އިލެކްޝަނަށް ތުޅާދޫ ކައުންސިލުން ފޮނުވި ސިޓީގައި ވެސް އުމެއިރާ ވަކި ކުރި ކަމަކަށް ބުނެފައި ނުވާނެ ކަމަށާއި ކައުންސިލަކަށް މެމްބަރަކު އެގޮތަށް ވަކި ނުކުރެވޭނެ ކަމަށެވެ.

ހިމެނޭ އުމައިރާގެ ގޮނޑިއަށް މެންބަރަކު ހޮވުމުގެ މަސައްކަތް އިލެކްޝަން ކޮމިޝަނުން ކުރަމުންދާތީ އެކަން ހުއްޓައިލަން އެއަތޮޅުގެ އަތޮޅު ކައުންސިލްގެ ބައެއް މެންބަރުން ވެސް ވަނީ ގޮވާލާފަ އެވެ. އަދި އަތޮޅު ކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އުމައިރާ ކައުންސިލުން ވަކިކުރި މައްސަލާގައި ސުވާލު އުފެދޭ ކަމަށާއި އިތުރަށް ދިރާސާ ކުރަންޖެހޭ ކަންތައްތަކެއް ހުރުމުން އެކަންކަން އިތުރަށް ދިރާސާ ކުރުމަށް ތުޅާދޫ ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް ލޯކަލް ގަވާމެންޓް އޮތޯރިޓީ ބޯޑުގެ ނިންމުމެއް ނެތި އަދި އަތޮޅު ކައުންސިލްގެ އެނގުމާ ހިލާފަށް އެ މާގަމަށް މެންބަރަކު ހޮވުމުގެ މަސައްކަތް އިލެކްޝަނުންނާއި ތުޅާދޫ ކައުންސިލާއި ކުރަމުން ގެންދާތީ އެކަންތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.