ލަންޑަން(ޖޫން 9): އިނގިރޭސިވިލާތުގައި ބޭއްވި އާންމު އިންތިޚާބުގައި، ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީއަށް ޕާލަމެންޓްގެ ފުރިހަމަ އަޣްލަބިއްޔަތު ނުލިބުމުން ބޮޑުވަޒީރާ ތެރީސާ މޭ މަގާމުން އިސްތިއުފާ ދެއްވުމަށް އިދިކޮޅު ލީޑަރު ޖެރިމީ ކޯބިން ގޮވާލައްވައިފިއެވެ.

އިނގިރޭސިވިލާތުގައި އިއްޔެ ބޭއްވި އާންމު އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީއަށް ލިބިފައިވަނީ ހައުސް އޮފް ކޮމަންސްގެ 312 ގޮނޑިއެވެ. މިއީ މިދިޔަ އިންތިޚާބުގައި އެޕާޓީއަށް ލިބުނު ގޮނޑިއަށްވުރެ 14 ގޮނޑި މަދު މިންވަރެކެވެ. މިވަރުން ކޮންޒަވެޓިވް ޕާޓީއަށް އެކަނި ސަރުކާރެއް ނުއުފެއްދޭނެއެވެ. އެޕާޓީއަށް ޖެހޭނީ އެހެންޕާޓީއަކާ ގުޅިގެން ކޯލިޝަން ސަރުކާރެއް އުފައްދާށެވެ. އެކަނި ސަރުކާރެއް އުފެއްދުމަށްޓަކައި ހައުސް އޮފް ކޮމަންސްގެ ޖުމްލަ 650 ގޮނޑީގެ ތެރެއިން މަދުވެގެން 326 ގޮނޑި ކޮންޒަވެޓިވް ޕާޓީއަށް ލިބެންޖެހޭނެއެވެ.

އިނގިރޭސިވިލާތުގެ އިދިކޮޅު ލޭބަރ ޕާޓީގެ ލީޑަރު ޖެރިމީ ކޯބިންވަނީ މިއީ ތެރީސާ އަށް ލިބިވަޑައިގެންނެވި ނާކާމިޔާބީ އެއްކަމަށް ސިފަކުރައްވައި ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވައި ކޮންޒަވެޓިވް ޕާޓީގެ އެހެން ބޭފުޅަކު އެމަގާމަށް ވަޑައިގަތުމުގެ ފުރްސަތު ދެއްވުމަށް ގޮވާލައްވާފައެވެ. ނަމަވެސް ބޮޑުވަޒީރާ ތެރީސާ މޭ ގެ ތަރްޖަމާނަކު ވަނީ އިނގިރޭސިވިލާތުގައި އައު ސަރުކާރެއް އެކުލާލުމުގެ ހުއްދަ ދެއްވުމަށްއެދި ތެރީސާ ރާނި އެލިޒަބަތުގެ ކިބައިން އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

އިނގިރޭސިވިލާތު އާންމު އިންތިޚާބުގައި، ޕާލެމެންޓްގެ ފުރިހަމަ އަޣްލަބިއްޔަތު ކޮންޒަވެޓިވް ޕާޓީއަށް ލިބޭނެކަމަށް ޚިޔާލު ހޯދުމުގެ ގިނަ ސާވޭތަކުން ހާމަވެފައިވާތީ ބޮޑުވަޒީރާ ތެރީސާ މޭ ވެސް ހުންނެވީ އެކަން އެގޮތަށް ދާނެކަމުގެ އުންމީދުގައެވެ. ނަމަވެސް އިންތިޚާބުގެ ނަތީޖާއިން ތެރީސާ އަށާއި ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީއަށް ވަނީ ކުއްލި ހައިރާންކަމެއް ލިބިފައެވެ. (އަލްޖަޒީރާ)