09 Jun 2017, 15:51
މަޝްހޫރު ލަވަކިޔުންތެރިޔާ، އަދި ނިމިގެންދިޔަ މޯލްޑިވިއަން އައިޑަލް ސީޒަން-2ގެ ހޯސްޓް ލަމްހާ ލަތީފް (ލަމް) ކައިވެނިކޮށްފިއެވެ.
ލަމް ކައިވެނިކޮށްފައިވަނީ ގިނަދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަހްމަދު މުއާޒް ( ކުޑަމުއާ)އާ އެވެ.
ލަމްއާ ކުޑަމުއާގެ ކައިވެނި ހަފްލާ ބާއްވާފައިވަނީ ޗަމްޕާ ސެންޓްރަލް ހޮޓަލުގައެވެ. ކުލަ ގަދަ ހަފްލާއަކާ އެއްކޮށް ކުރިއަށް ދިޔަ ކައިވެނީގެ ހަފްލާގައި، ފިލްމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ފަންނާނުންވަނީ ބައިވެރިވެފައެވެ.
ލަމްއާ ކުޑަމުއާ ކައިވެނި ކުރި އިރު ލަމްވަނީ އޭނާގެ ހަޔާތުގެ ބައިވެރިޔާއާ އެކު މީގެ ކުރިން ލަވައެއްވެސް ކިޔައިފައެވެ. ދި ޕްލަސް އިން ގެނެސްދިން " އެންމެ ރީތި" ޝޯގައި މި ދެ ފަންނާނުންވަނީ އެކުގައި ލަވައެއް ކިޔާފައެވެ.
ލަމް އެންމެ ފުރަތަމަ ލަވަ ކިޔުމުގެ ތެރެއަށްވަނީ ސްކޫލު ކުދިންގެ ލަވަަ މުބާރާތުގެ ތެރެއިންނެވެ. އެއަށްފަހު އޭނާ މަޝްހޫރު ވެގެންދިޔައީ ޓީވީއެމް އިން ގެނެސްދިން " އެހަނދާނުގައި" ޝޯގެ ތެރެއިންނެވެ.

--ފޮޓޯ/ އަހްމަދު ސުނީ
ޒުވާން ލަވަ ކިޔުންތެރިއާ ލަވަކިޔުމުގެ ރޮނގުން ގިނަ ބަޔަކު ހައިރާންކޮށްލުމަށްފަހު ދެން އޭނާ ގިނަ ބަޔަކު ސިއްސުވާލީ ރާއްޖޭގެ ހަމައެކަނި ރިއަލިޓީ ޝޯ "މޯލްޑިވިއަން އައިޑަލް"ގެ ހޯސްޓެއްގެ ގޮތުން ޖާގަ ހޯދުމާ އެކުއެވެ. ގިނަ އަންހެން ޕްރެޒަންޓަރުން ފަހަތަށް ޖައްސާލުމަށްފަހު ލަމް މޯލްޑިވިއަން އައިޑަލްއިން ޖާގަ ހޯދިއިރު އޭނާ ވަނީ އެ ޝޯ ވަރަށް ފުރިހަމައަށް ހުށައަޅައިދީ ގިނަ ބައެއްގެ ތައުރީފް ހޯދައިފައެވެ.