ބާސެލޯނާގެ ތަރި ލިއޮނަލް މެސީ، ސްޕެއިންގެ އަވަށެއް ކަމަށްވާ ސްޓިޖަސްގެ އައްސޭރިފަށުގައި ހަދާފައިވާ ހަތަރު ތަރީގެ ލަގްޜަރީ ހޮޓަލެއް، 26 މިލިއަން ޕައުންޑަށް ގަނެފިއެވެ.

ބާސެލޯނާގެ ދެކުނުން 20 މޭލު ދުރުގައިވާ މެޑިޓަރޭނިއަންއަށް ނިސްބަތްވާ، ރިސޯޓް ސަރަހައްދުގައި ހަދާފައިވާ ހަތަރު ތަރީގެ މި ހޮޓާ ގަތުމުން މެސީއަށް މިވަނީ، ފުޓްބޯޅައިގައި އޭނާއާ އެންމެ ވާދަވެރި ކުޅުންތެރިޔާ ރެއާލް މެޑްރިޑްގެ ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ ހޮޓެލް ވިޔަފާރީގެ ގޮތުން ވެސް ފައިހަމަކުރެވިފައެވެ.

މިފަހަރުގެ ބެލޮންޑިއޯ ލިބިއްޖެ ނަމަ، ފަސް ފަހަރު އެ އެވޯޑް ހާސިލްކޮށް މެސީ ހަދާފައިވާ ރެކޯޑާ އަރައި ހަމަކުރުމުގެ އުންމީދުގައި ހުރި ރޯނާލްޑޯ ވެސް ވަނީ 2015 ވަނަ އަހަރުގެ ތެރޭގައި ހޮޓެލް ވިޔަފާރީގެ ތެރެއަށް ވަދެފައެވެ. އެގޮތުން އޭނާގެ ބޮޑު ހިއްސާއެއް އެކުލެވޭ ހޮޓަލެއް ޕޯޗްގީޒްގެ މެޑެއިރާއާއި ލިޒްބަންގައިވެސް ހުރެއެވެ.

ހޮޓެލް ވިޔަފާރީގައި މެސީ މިފަހަރު އިންވެސްޓް ކުރި ސަރަހައްދަކީ ސްޕެއިންގައި އެންމެ އަގުބޮޑު ހޮޓާތައް ހިމެނޭ ސަރަހައްދެވެ. ސްޕެއިންގައި ބަދުއަޚްލާގީ އަމަލުތަކާއި ދުނިޔަވީ އުފާތަކުގެ ވެރިރަށުގެ ގޮތުގައި މަޝްހޫރުވެފައިވާ އަވަށުން މެސީ ގަނެފައިވާ ހޮޓަލްގެ ރޭޓްތައް ހައިސީޒަންގައި އުޅެނީ، ރެޔަކަށް 220 - 260 ޕައުންޑާ ދެމެދުގައެވެ.

ހަތަރު ތަރީގެ މި ހޮޓަލަކީ 2013 ވަނަ އަހަރު ހުޅުވި ތަނެކެވެ. 77 ކޮޓަރީގެ މި ހޮޓާ ހިންގަމުން ދަނީ މެޖަސްޓިކް ގްރޫޕުންނެވެ. އެ ކުންފުންޏަކީ، ބާސެލޯނާއާއި މަޔޯކާގައިވެސް ހޮޓާ ހިންގާ ގްރޫޕެކެވެ.

މެސީ ވަނީ ހޮޓެލް އަދި އެޕާޓްމަންޓު ވިޔަފާރިއަށް އިންވެސްޓްކުރުމަށް އާ ކުންފުންޏެއްވެސް ރަޖިސްޓްރީކޮށްފައެވެ.