އާސެނަލްގެ ފޯވާޑް އެލެކްސް ސަންޗޭޒަކީ، ކްލަބުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި އެޓީމަށް ގެނައުމަށް ބަޔާން މިއުނިކުން ތައްޔާރުވެއްޖެއެވެ.

މެންޗެސްޓާ ސިޓީގެވެސް ޓާގެޓެއްކަމަށްވާ، ޗިލީ ފޯވާޑް އާސެނަލުން ގެންދަން ޖަރުމަނުގެ ލީގު ޗެމްޕިއަންނުން ވަނީ، ހަފުތާއަކު 350,000 ޕައުންޑުގެ އުޖޫރައެއް އޭނާއަށް ހުށަހެޅުމަށް ތައްޔާރުވެފައިކަމަށް ރިޕޯޓުތައް ބުނެއެވެ.

ސަންޗޭޒްގެ ޓްރާންސްފާ ފީއެއްގެ ގޮތުގައި އާސެނަލަށް 40 މިލިއަން ޕައުންޑު ހުށަހަޅަން ބަޔާނުން ނިންމާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރީން ސަންޗޭޒް ބުނެފައިވަނީ، އޭނާގެ ކުރިމަގާމެދު ގޮތެއް ނިންމާނީ އޭނާގެ އޭޖެންޓު ކަމަށެވެ. ރިޕޯޓުތައް ބުނާގޮތުން، ސަންޗޭޒްގެ އޭޖެންޓް ފެނާންޑޯ ފެލިސެވިޗާއި ބަޔާން މިއުނިކާ ދެމެދު މިހާރުވަނީ މަޝްވަރާތައް ކުރެވި ގާތްގަނޑަކަށް އެއްބަސްވުމަކަށްވެސް އާދެވިފައެވެ.

"އަހަރެން މި ބަލަނީ އަހަރެންގެ އޭޖެންޓުގެ ބަހަކަށް. މިވަގުތު އަހަރެންގެ ފޯކަސް ހުރީ ރަޝިއާގައި ކުޅޭ ކޮންފެޑެރޭޝަންސް ކަޕްގައި ރަނގަޅު ނަތީޖާއެއް ނެރުމަށް،" ސަންޗޭޒް ބުނެފައިވެއެވެ.

"ހަގީގަތަކީ އަހަރެންގެ އޭޖެންޓު އެހުރިހާކަމެއް ބަލާނެ. އަހަންނަށް އެންމެ ރަނގަޅުވާނީ ކޮންގޮތެއްތޯ ބެލުމަށް އޭނާ ކްލަބްތަކާ މަޝްވަރާކުރާނެ. އަހަރެން ބޭނުން ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި، އެކަމަކު މިހާރު އަހަންނަށް އެންމެ މުޙިއްމީ ގައުޓީމު."