ހިޖުރައިން ދެވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވީ ދުވަހު ކުރެވުނު ބަދުރު ހަނގުރާމައިން މުސްލިމުންނަށް ނަޞްރު ލިބުނީ، އެ ހަނގުރާމައި ގިނަ ފިލާވަޅުތަކެއް މުސްލިމުންނަށް ލިއްބައިދީފައިކަމަށާއި އޭގެ ތެރެއިން މުހިއްމު އެއް ފިލާވަޅަކީ މަޝްވަރާކޮށްގެން ކަންކަން ނިންމުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ހުތުބާގެ މައުލޫއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ނަޞްރުގެ މައްސަރު" އެވެ.

ބަދުރު ހަނގުރާމައިން ލިބިދޭ ފިލާވަޅުތަކާ ގުޅޭ ގޮތުން އިއްވި މި ޚުތުބާގައި ބުނެފައިވަނީ ބަދުރު ހަނގުރާމައަކީ ހައްގަށް ނަސްރުދިން މީހުންނާ، ބާތިލުގެ އަހުލުވެރިންނާ ދެމެދު ކުރިމަތި ލެވުނު ފުރަތަމަ ފަހަރުކަމަށެވެ. އަދި އެ ހަނގުރާމަ ފެށުމުގެ ކުރިންވެސް މުސްލިމުންނަށް ވަނީ އުފާވެރިކަމުގެ ޚަބަރު ދެއްވާފައި ކަމަށެވެ.

ބަދުރު ހަނގުރާމައިން ދަސްވި އެތަކެއް ފިލާވަޅުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ފިލާވަޅަކީ މަޝްވަރާކުރުމުގެ މުހިއްމު ކަމެވެ. ޚުތުބާގައި ބުނެފައިވަނީ ރަސޫލާ މުހައްމަދުصَلَّى اللّٰهُ عَلَيْهِ وَسَلَّمއަކީ ރަސޫލު ބޭކަލެއް ނަމަވެސް އެކަލޭގެފާނު އަސްހާބު ބޭކަލުންނާ މަޝްވަރާ ކުރެއްވި ކަމަށެވެ. އެގޮތުން ބަދުރު ހަނގުރާމައިގެ ކުރިން ކަންތައްތައް ގެންދަވާނެ ގޮތާ މެދު މަޝްވަރާ ކުރެއްވިކަމަށް ޚުތުބާގައިވަނީ ބުނެފައެވެ.

" އަމިއްލަ ފުޅަށް ކަންކަން ނިންމެވުމުގެ ބަދަލުގައި މަޝްވަރާގެ މަތިން ކަންކަން ނިންމެވުމަކީ ކީރިތި ރަސޫލާ މުހައްމަދު صَلَّى اللّٰهُ عَلَيْهِ وَسَلَّم ގެންގުޅުއްވި މަތިވެރި އުސޫލެއް،" ޚުތުބާގައިވަނީ ބުނެފައެވެ.

މީގެ އިތުރުން ހުތުބާގައި ބުނެފައިވަނީ އެ ހަނގުރާމައިން ލިބޭ އަނެއް ފިލާވަޅަކީ އަދުލުވެރިކަމާއި ހަމަހަމަކަން ކަމަށެވެ. މީގެ އިތުރުންވެސް މުހިއްމު ފިލާވަޅުތަކެއް، ބަދުރު ހަނގުރާމައިން ވަނީ މުސްލިމުންނަށް ދަސްކޮށްދީފައިވާ ކަމަށެވެ. އަދި ޚުތުބާގައި ވަނީ އެ ހުރިހާ ކަމަކުންވެސް އިބުރަތް ހާސިލްކޮށް ހަޔާތް ބާއްޖަވެރިކުރަން މަސައްކުރުމަށް ނަސޭހަތްދީފައެވެ.