ތުޅާދޫ ކައުންސިލުން ވަކި ކުރި، ޑީއާރްޕީގެ މެންބަރު އުމައިރާ އަބޫބަކުރުގެ މަގާމަށް މެންބަރަކު އިންތިހާބު ކުރަން ބާއްވާ ބައިއިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މެންބަރަކު ހޮވުމަށް މާދަމާ ޕްރައިމަރީ ބާއްވަން އެޕާޓީން ނިންމައިފި އެވެ.

އޯގަސްޓް 20 ވަނަ ދުވަހު ބާއްވާ ތުޅާދޫ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ތުޅާދޫ ކައުންސިލަށް ކުރިމަތިލުމަށް ޝައުގުވެރިވާ އެމްޑީޕީގެ މެންބަރުން މިއަދުގެ ނިޔަލަށް އެމްޑީޕީގެ އޮފީހަށާއި އަދި ތުޅާދޫގައި ހުންނަ އެމްޑީޕީގެ އޮފީހަށް ފޯމު ހުށަހެޅުއްވުމަށް އެމްޑީޕީން ވަނީ އިއުލާންކޮށްފަ އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ ތުޅާދޫ ކައުންސިލުގައި ހިމެނޭ ހަމައެކަނީ ޑީއާރްޕީ މެންބަރު އުމައިރާ ކައުންސިލުން ވަކިކުރީ މަގުބޫލު އުޒުރެއްނެތި 10 ޖަލްސާއަކަށް ހާޒިރުވެވަޑައިގެންފައި ނުވާކަމަށް ބުނެ އެވެ.

އެމްޑީޕީން މާދަމާ ޕުރައިމަރީ ބާއްވާއިރު ޑީއާރުޕީން އިއްޔެ ވަނީ ބައި އިލެކްޝަން ހުއްޓުވާލަށް ދިނުމަށް އެދި އުމައިރާގެ މައްސަލަ ކޯޓަށް ވައްދާފަ އެވެ. އަދި އުމައިރޭ ވަކި ކުރި މައްސަލަ ވަނީ ހޫނުވެ ބޮޑު މައްސަލައަކަށް ވެފައެވެ.