09 Jun 2017, 11:25
ވިހެއުމަށް ފަހު ބަތަލާ ކަރީނާ ކަޕޫރު ކުޅޭ ފުރަތަމަ ފިލްމު، 'ވީރޭ ދީ ވެޑިންގ'ގައި ކަރީނާ އާއެކު ފެނިގެންދާނެ ފިރިހެން ފަންނާނު ހަމަޖައްސައިފިއެވެ.
ޚަބަރުތައް ބުނާގޮތުން އެ ފިލްމުގައި ކަރީނާގެ ލޯބިވެރިޔާގެ ރޯލުން ފެނިގެން ދާނީ ކާމިޔާބު ވެބް ސީރީޒް، ޕާމަނެންޓް ރޫމްމޭޓްސްގެ ލީޑު އެކްޓަރު، ސުމީތު ވިޔާސް އެވެ.
ސުމީތު ވަނީ ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި ސަޕޯޓިން އެކްޓަރުގެ ރޯލުތަކުން ފެނިގެން ގޮސްފައެވެ. އޭގެ ތެރޭގައި 'އިނގްލިޝް ވިނގްލިޝް' އަދި 'ޕާރޗްޑް' ހިމެނެއެވެ.
ފިލްމު އުފައްދާ ފަރާތުން ފުރަތަމަ ބޭނުންވީ އެ ފިލްމުގައި މުޅިން އައު އެކްޓަރުން ހިމެނުމަށެވެ. އެހެން ނަމަވެސް މިހާރު ސުމީތު ފައިނަލް ކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. ވަރަށް އަވަހަށް ސުމީތު ފިލްމަށް ސޮއި ކުރާނެ ކަމަށްވެއެވެ.
މިދިޔަ އަހަރު ޝޫޓިން ފެށުމަށް ހަމަޖެހިފައި އޮތް 'ވީރޭ ދީ ވެޑިން'ގެ މަސައްކަތް ނުފެށި ލަސްވީ ކަރީނާ ބަނޑުބޮޑު ވުމާ ގުޅިގެންނެވެ. ނަމަވެސް މިހާރު ފިލްމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަ ދެއެވެ.
'ވީރޭ ދީ ވެޑިންގ' އަކީ ހަތަރު އެކުވެރިންގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ. އެ ފިލްމުގައި ކަރީނާގެ އިތުރުން ސޯނަމް ކަޕޫރު ވެސް ފެނިގެން ދާނެއެވެ.