09 Jun 2017, 11:22
ސަލްމާން ޚާންގެ އެކްޝަން ފިލްމު ސީރީޒް، 'ދަބަންގް'ގެ ތިން ވަނަ ފިލްމު ޑައިރެކްޓު ކުރާނީ މަޝްހޫރު ކޮރިއޯގްރާފަރު/ޑައިރެކްޓަރު ޕްރަބޫ ދޭވާ ކަމަށް ޚަބަރުތައް ބުނެފިއެވެ.
ޕްރަބޫ ދޭވާ ވަނީ މީގެ ކުރިން ވެސް ސަލްމާންގެ ފިލްމު 'ވޯންޓެޑް' ޑައިރެކްޓު ކޮށްފައެވެ. ކުރިން ބެލެވިފައި އޮތީ ޕްރަބޫ ދޭވާ އަދި ސަލްމާން ދެން ވެސް އެކުގައި މަސައްކަތް ކުރާނީ 'ވޯންޓެޑް' ގެ ފިލްމެއްގައި ކަމަށެވެ.
އެހެން ނަމަވެސް 'ދަބަންގް 3' ޑައިރެކްޓު ކޮށްދިނުމަށް އަރްބާޒް ޚާންގެ ޕްރޮޑަކްޝަން ހައުސް އިން ޕްރަބު ދޭވާއަށް މިހާރު ވަނީ ހުށަހަޅާފައެވެ. އެކަން އަދި ރަސްމީ ފަރާތަކުން ޔަގީންކޮށްދީފައި ނުވި ނަމަވެސް، ސަލްމާން ވަނީ ޕްރަބޫ ދޭވާ އާއެކު މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައެވެ.
ނަމަވެސް 'ދަބަންގް 3' ގެ މަސައްކަތް ފަށާނީ، އަލީ އައްބާސް ޒަފަރުގެ 'ޓައިގާ ޒިންދާ ހޭ' އަދި ރޭމޯ ޑިސޫޒާ ޑައިރެކްޓު ކުރާ ފިލްމަށް ފަހުއެވެ.
'ދަބަންގް' ގެ ފުރަތަމަ ފިލްމު ރިލީޒް ކޮށްފައި ވަނީ 2010 ވަނަ އަހަރުއެވެ. އެއަށްފަހު 2012 ވަނަ އަހަރު 'ދަބަންގް 2' ރިލީޒް ކުރިއެވެ. ދެ ފިލްމު ވެސް ވެގެން ދިޔައީ ބޮކްސް އޮފީހުގައި ކާމިޔާބު ދެ ފިލްމަށެވެ.