09 Jun 2017, 00:06
މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް) ވެޓެރަންސް ކަޕްގައި ކްލަބު އީގަލްސް އަތުން މޮޅުވެ، ގްރޫޕް އޭގެ ދެވަނަ ހޯދައިގެން ކްލަބު ވެލެންސިއާއިން ފުރަތަމަ ބުރު ނިންމާލައިފިއެވެ.
މިއަދު ހަވީރު ކުޅުނު ފުރަތަމަ ބުރުގެ މެޗުގައި އީގަލްސްގެ މައްޗަށް ވެލެންސިއާ ކުރި ހޯދާފައި ވަނީ 5-0 ލަނޑުގެ ނަތީޖާއަކުންނެވެ.
ގްރޫޕް އޭގެ ދެވަނާގައި ވެލެންސިއާ އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކުއެވެ. އެއް ވަނާގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ވެސް ހަ ޕޮއިންޓް ލިބިފައިވާއިރު، މާޒިޔާ ކުރީގައި އޮތީ ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވުމުންނެވެ. ތިންވަނާގައި އޮތް އީގަލްސް އާއި ހަތަރުވަނާގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސްއަށް ވެސް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. އީގަލްސްއަށް ތިންވަނަ ލިބެނީ ނިއުއާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު މޮޅުވެފައިވުމުންނެވެ.
މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބު ވެލެންސިއާއިން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޓީމުގެ ކެޕްޓަން އައްސަދު އަބްދުލްޤަނީއެވެ. އީގަލްސްގެ ހުސައިން ރަޝީދު އަތުން ބައިކޮޅަށް ލަނޑެއް ވަދެފައިވާއިރު، އިސްމާއިލް އަނިލްއާއި މުހައްމަދު އިބްރާހިމް ވެސް ވެލެންސިއާއަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ.
އެ މުބާރާތުގެ ގްރޫޕް ބީގެ މެޗުތައް ވެސް މިހާރު ވަނީ ނިމިފައެވެ. އެ ގްރޫޕްގެ އެއްވަނާގައި އޮތް ކްލަބު ގްރީން ސްޓްރީޓްސްއަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ)އަށް ދެ މެޗުން ލިބިފައި ވަނީ ދެ ޕޮއިންޓެވެ. އަދި ގްރޫޕްގެ ފުލުގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
މުބާރާތުގެ ދެވަނަ ބުރުގައި ހަ ޓީމު ވާދަކުރާނެއެވެ. މާޒިޔާއާއި، ވެލެންސިއާއާއި، އީގަލްސްއާއި، ގްރީން ސްޓްރީޓްސްއާއި، ޑީއެސްސީގެ އިތުރުން ދެން އެ ބުރުގެ ޖާގައެއް ލިބޭނީ އަންނަ ހޮނިހިރު ދުވަހު ގްރޫޕް އޭގެ ފުލުގައި ނިންމާލި ނިއުއާއި ގްރޫޕް ބީގެ ފުލުގައި ނިންމާލި ވިކްޓަރީ ބައްދަލުކުރާ ޕްލޭއޯފް މެޗުން މޮޅުވާ ޓީމަކަށެވެ.