ރާއްޖޭގައި ބާއްވާ ވިޔަފާރީގެ އެންމެ ބޮޑު ފެއާ، ހޮޓެލް އޭޝިޔާ އެގްޒިބިޝަން 80 ސްޓޯލާއި އެކު މިއަދު ދަރުބާރުގޭގައި ފަށައިފި އެވެ.

މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސް )މެކްސް( ގެ ފެއާ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހަށް ދަރުބާރުގޭގައި ކުރިއަށް ދާނެ އެވެ. ފެއާގައި ރާއްޖޭގެ ކުންފުނިތަކުގެ އިތުރުން ސިންގަޕޫރާއި އިންޑިއާ ސްރީ ލަންކާ އަދި ޗައިނާގެ 52 ކުންފުންޏަކުން 80 ސުޓޯލެއް ބައިވެރިކޮށްފައިވެ އެވެ.

"މި އަހަރުގެ ފެއާއަށް ލިބުނު ތަރުހީބު ބޮޑު. ދުވަހެއް ދުވަހަކަށް މި ފެއާއަށް ލިބޭ ތަރުހީބު ބޮޑުވަމުން މި އަންނަނީ. މިއީ ރާއްޖޭގެ ހޮސްޕިޓަލިޓީ އިންޑަސްޓްރީއަށް ލިބޭ ކުރިއެރުމެއް،" މެކްސްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ހޮސްޕިޓޭލިޓީ އިންޑަސްޓްރީއަށް ހާއްސަ ކޮށްގެން 1998 ން ފެށިގެން ބާއްވަމުން އަންނަ ހޮޓެލް އޭޝިޔާގައި އެންމެ ގިނަ ބަޔެއްގެ މަގުބޫލްކަން ހޯދާ ޝެފުންގެ ހުނަރު ދައްކާލައި ކަލިނަރީ ޗެލެންޖުގައި ދުނިޔޭގެ އެކި ގައުމުތަކުން 350 ޝެފަކު ބައިވެރިވެފައި ވެއެވެ.

ކަލިނަރީ ޗެލެންޖުގެ ވަނަތަށް ހޮވުމަށް ހަމަޖެހިފައިވަނީ 12 ޖަޖުންގެ ޕުރޮފެޝަނަލް ޓީމަކުންކަމަށް މެކްސް އިން ބުންޏެވެ.

"ކަލިނަރީ ޗެލެންޖަށް ބޮޑުތަރުހީބެއް ލިބޭނެ ކަމަށް މިބަލަނީ. ކޮންމެ އަހަރަކުވެސް ގިނަ ފަރާތްތަކެއްގެ ނަޒަރު ކަލިނަރީ ޗެލެންޖަށް ހުއްޓޭ،" އޮފިޝަލް ވިދާޅުވި އެވެ.
ހޮޓެލް އޭޝިޔާ އެގްޒިބިޝަން ހުޅުއްވައި ދެއްވީ އެކޮނޮމިކް މިނިސްޓާ މަހުމޫދު ރާޒީ އެވެ. ރާޒީ ވިދާޅުވީ ހޮޓެލް އޭޝިޔާގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި އެ ސިނާއަތާއި ގުޅުންހުރި އިންޑަސްޓްރީއަށް އިތުރު ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށެވެ.

"ރާއްޖޭގައި މި އިންޑަސްޓްރީ ފުޅާވަމުން އަންނަކަމުގެ ހެއްކެއް މިއީ. ދުނިޔޭގެ ގައުމުތަކުގެ ފަރާތްތަކަށް މިފެއާގެ ސަބަބުން މިކަން އެގިގެން ދާނެ. މިއީ މި ޝިނާއަތް ވަރުގަދަ ކުރުމަށް ހުޅުވިގެންދާ ވަރަށް މުހިންމު ދޮރެއް،" ރާޒީ ވިދާޅުވި އެވެ.