16 May 2010, 15:56
19:00
ގުއަންޓަނާމޯބޭ ޖަލުގައި ތިބި ބަޔަކު ރާއްޖެ ގެނައުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާ ބެހޭ ކޮމިޓީއަށް ހުށަހެޅި މައްސަލަ ބެލުމަށް އެކޮމިޓީން ބޭއްވުމަށް ހަމަޖެއްސި ބައްދަލުވުމަކީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ބޭއްވުމަށް ނިންމާފައިވާ ބައްދަލުވުމެއް ކަމަށާއި އެބައްދަލުވުން އެގޮތަށް ނުބޭއްވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިހިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރ ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
އަންނަ ބުދަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ އެ ބައްދަލުވުމާ ބެހޭ ގޮތުން ސަންއެފްއެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މޫސަ މިއަދު ވިދާޅުވީ މިހާރު މަޖިލީސް އޮތީ ޗުއްޓީގައި ކަމުން، މަޖިލީސް ޗުއްޓީއަށް ދިއުމުގެ ކުރިން އެފަދަ ބައްދަލުވުމެއް ބޭއްވުމަށް ކޮމިޓީން ނިންމާފައިނުވާއިރު އެފަދަ ބައްދަލުވުމެއް ބޭއްވުމަކީ މަޖިލީހުގެ ގަވާއިދުގެ 109 ވަނަ މާއްދާއާ ހިލާފަށް އެ ކޮމިޓީގެ މުގައްރިރު، މުލަކު ދާއިރާގެ ޔާމީން އަބްދުލްގައްޔޫމުގެ އެންގެވުމަކަށް މަޖިލީހުން ބޭއްވުމަށް ހަމަޖެއްސި ބައްދަލުވުމެއް ކަމަށެވެ. މޫސަ އަދި ވިދާޅުވީ އޭނާ ރާއްޖޭން ބޭރުގައި ހުންނަވަނިކޮށް ސަލާމަތާބެހޭ ކޮމިޓީގެ ބައްދަލުވުމަކަށް ދިއުމަށް އެސްއެމްއެސްއަކުން އެންގުމުން، އެކަމާ ގުޅިގެން މަޖިލީހުގެ އަމީން އާއްމަށް ގުޅުއްވުމުން އެބައްދަލުވުމަކީ ގުއަންޓަނާމޯބޭ ޖަލުން ބަޔަކު ރާއްޖެ ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާތީ އެކަމާ ގުޅިގެން އެކޮމިޓީގެ މުގައްރިރުގެ ނައިބް އަދި ތޮއްޑޫ ދާއިރާގެ މެންބަރ އަލީ ވަހީދު ހުށަހަޅުއްވާފައިވާ މައްސަލައަކާ ގުޅިގެން ބާއްވާ ބައްދަލުވުމެއް ކަމަށްވެސް އާމީން އާއްމި ވިދާޅުވި ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
މޫސަ އަދި ވިދާޅުވީ މިވަގުތު ލަންޑަންގައި ހުންނެވި މަޖިލީހުގެ ރައީސް އަބްﷲ ޝާހިދަށް އެކަމާ ގުޅިގެން ގުޅުއްވުމުން ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި ކަމަށާއި އަދި އެކަންތައް ބެއްލުވުމަށްފަހު މަޖިލީހުގެ ރައީސް މޫސަ އަށް ގުޅުއްވާ މަޖިލީހުގެ ޗުއްޓީ ތެރޭގައި އެފަދަ ޖަލްސާއެއް ނުބޭއްވޭނެ ކަމަށާއި އެކަންތައް އާމީން އާއްމަށް އަންގަވާފައިވާނެ ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވި ކަމަށްވެސް މޫސަ ވިދާޅުވި އެވެ.
މައްސަލަ ޤައުމީ ސަލާމަތާބެހޭ ކޮމިޓީއަށް ހުށަހެޅުއްވި އެކޮމިޓީގެ މުގައްރިރުގެ ނައިބް އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރ އަލީ ވަހީދުގެ ބަހެއް ހޯދާލުމަށް ގުޅާލުމުން އޭނާ ފޯނަށް ޖަވާބު ނުދެއްވުމުގެ ސަބަބުން އަލީ ވަހީދުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މުގައްރިރު އަދި މުލަކު ދާއިރާގެ މެންބަރ އަބްދުﷲ ޔާމީން މިއަދު ވިދާޅުވީ މަޖިލީސް ޗުއްޓީގައި އޮއްވާ ކޮމިޓީގެ ބައްދަލުވުމެއް ނުބޭއްވޭނެކަން މަޖިލީހުގެ ގަވާއިދުގައި އޮތް ކަމެއް އެނގިވަޑައިގެންފައިނުވާ ކަމަށެވެ. އަދި އެކަންތައް މަޖިލީހުގެ ރައީސް އަށް އެނގިވަޑައިގެންފައިނުވާކަން ވެސް އެނގިވަޑައިގެންފައިނުވާ ކަމަށާއި އެކޮމިޓީގެ ބައްދަލުވުމެއް ނުބޭއްވޭނެކަން މަޖިލީހުން އަންގަންދެން އަންނަ ބުދަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ އެ ބައްދަލުވުން އޮންނާނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.