08 Jun 2017, 20:24
ދ. ހުޅުދެލީ ބަނދަރު ސަރަހައްދު ފަޅުތެރެއަށް ހަ އަހަރު ކުއްޖަކު ވެއްޓި މަރުވެއްޖެ އެވެ.
ހުޅުދެލީ ކައުންސިލުން މައުލޫމާތު ދޭގޮތުގައި މިއަދު ހަވީރު ހިނގި އެހާދިސާގައި މަރުވެފައިވަނީ ޔޫކޭޖީގައި ތައުލީމް ހާސިލް ކުރަމުންދާ އެރަށު ކުރިނބީގޭ ޖޫދު އަހުމަދު ޝިފާއު އެވެ.
އެރަށު ކައުންސިލް ރައީސް އިސްމާއިލް ނިޒާމް މިރޭ ސަން އަށް ވިދާޅުވީ މިއަދު 4:15 ކަންހާއިރު ޖޫދު ފެނުނީ ބަނދަރަށް ވެއްޓިފައި އޮށްވައި ކަމަށާއި ފެނުމާއެކު ސިއްހީ މަރުކަށް ގެންދިޔަ ކަމަށެވެ.
"ޖޫދު ވަނީ މަރުވެފައި، ހިނެވުމުގެ ކަންކަން މިހާރު ކުރިއަށް ދަނީ،" އޭނާ ވިދާޅުވިއެވެ.
އެކުއްޖާ ދިރިއުޅޭ ގެޔާއި ބަނދަރާއި ދުރު ނޫން ކަމަށާއި ހާދިސާ ހިނގަން މެދުވެރިވީ ކީއްވެކަން ބުނަން ނޭންގޭ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.
ކައުންސިލުން މައުލޫމާތު ދޭގޮތުގައި ޖޫދުގެ މަންމައާއި ބައްޕަވެސް މިވަގުތު ރަށުގައި އެބައުޅެއެވެ.
އެމައްސަލަ ފުލުހުން އަންނަނީ ތަހުގީގް ކުރަމުންނެވެ. އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.