ސާފް ޗެމްޕިއަންޝިޕް ގައި ރަަނގަޅު ކާމިޔާބީއެއް ހޯދުމަށް އަމާޒު ހިފައިގެން ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް ރޭ ފަށައިފިއެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް ފަށާފައިވަނީ އެ ޓީމަށް އަލަށް ހަމަޖަެއްސި ކޯޗް އަހްމަދު އާތިފްގެ ބެލުމުގެ ދަށުންނެވެ.

އެފްއޭއެމް ކުރިމަތީގައި އޮންނަ އެއް ނަންބަރު ޓާފް ދަނޑުގައި ފަރިތަކުރުންތައް ފަށައިގެން ކުރިއަށްދާއިރު ފަރިތަކުރުންތަކުގައި އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު ޖޭން ވަންލީވެސް ވަނީ ބައިވެރިވެފައެވެ.

ޕްރެކްޓިސްތައް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން ޓީމުގެ ކޯޗު އާތިފް ބުނީ ޓީމް ތައްޔާރުވަމުންދަނީ އަންނަ އަހަރު އޮންނަ އަންހެނުންގެ ސާފް ޗެމްޕިއަންޝިޕުން ރަނގަޅު ކާމިޔާބީ އެއް ހޯދުމުގެ އަޒުމުގައި ކަމަށެވެ. އަންހެން ފުޓްބޯޅަ ރާއްޖޭގައި އާލާކޮށް ގައުމީ އަންހެން ޓީމާއި އެއްކޮށް މީގެކުރިންވެސް މަސައްކަތް ކޮށްފައިވާ ކޯޗް އިތުރަށްބުނީ އެންމެ އިސްކަމެއްދީގެން ކުރިއަށްދަނީ ޓީމުތަކާ ދެކޮޅަށް މީގެކުރިން ހޯދި ނަތީޖާ ތައް ރަނގަޅު ކުރުންކަމަށެވެ.

"ޖަޕާން ކޯޗާއި، ޖަޑާ ކޯޗްވެސް އެބަހުރި ޓީމަށް ވަރަށް ރަނގަޅަށް އިރުޝާދު ދީފައި. އެކަން ކުޅުންތެރިންގެ ކިބައިން އެބަފެނޭ. އުންމީދަކީ ކުރިއާލާ މުބާރަތަށް ތައްޔާރުވުން،" އާތިފް ބުންޏެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމު ވަނީ ފަހަކަށް އައިސް ސަރަހައްދީ މެޗުތަކުގަޔާއި ވާދަވެރި އެހެން ގައުމު ތަކާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ރަނގަޅު ކާމިޔާބީ އެއް ހޯދާފައެވެ.