ރަނގަޅު ހުށަހެޅުމެއް ލިބިއްޖެ ނަމަ މިހިނގާ ހޫނު މޫސުމުގެ ފުޓްބޯޅަ ޓްރާންސްފާގައި ވެސް ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބު ދޫކޮށް ހިނގައިދާނޭ ކަމުގެ އިޝާރާތެއް އޭނާ ކޮށްފިއެވެ.

ރޮނާލްޑޯ އެހެން ކްލަބަކަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެއްތޯ، ޕޯޗުގީޒްގެ ނޫހެއް ކަމަށްވާ ޑެޕޯޓޭސް ކްއަޓްރޯގެ ރިޕޯޓަރަކު ކުރި ސުވާލާ ގުޅޭގޮތުން ރެއާލްގެ ސުޕަރސްޓާ ބުނީ، "އެއްވެސް ކަމަކީ ނުވާނެ ކަމެއް ނޫން،" ކަަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން، ޔޫރަޕްގެ މަދު ކްލަބުތަކަކާއި ޗަައިނާގެ ކްލަބުތަކުން، ޕޯޗްގީޒް ކެޕްޓަން ގެންދިއުމަށް 156 މިލިއަން ޕައުންޑު ހުށަހަޅަން މިހާރުވެސް ތައްޔާރަށް އެބަ ތިއްބެވެ.

ރޮނާލްޑޯ ވަނީ، 2021 ވަނަ އަހަރުގެ ނޮވެމްބަރާ ހަމައަށް ރެއާލްގައި މަޑުކުރުމަށް ސޮއިކޮށްފައެވެ. އެހެން ނަމަވެސް އޭނާ ހޯދުމަށް، ޕީއެސްޖީ، މެންޗެސްޓާ ޔުނައިޓެޑް އަދި ޗައިނާގެ ކްލަބުތަކުން ޝައުގުވެރިކަން ފާޅުކުރަމުން ދާކަމަށް ޕޯޗުގީޒް ނޫހުން ބުނެފައިވެއެވެ.

ރެއާލް މެޑްރިޑުން 12 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ތަށި އުފުލާލައި، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ސްޕެނިޝް ލީގު ކާމިޔާބުކުރި އިރު، އުމުރުން 32 އަހަރުގެ ރޮނާލްޑޯ ވަނީ މިސީޒަންގައި އޭނާ އެ ކްލަބަށް ކުޅުނު 46 މެޗުން 42 ލަނޑު ކާމިޔާބުކޮށްފައެވެ.