08 Jun 2017, 14:41
ސައޫދީ އިސްކޮށް އޮވެގެން ގަލްފުގެ ބައެއް އަރަބި ގައުމުތަކާއި މިސްރުން ގަތަރާ ދެކޮޅަށް ކުރިޔަށްގެންދާ ކަންތައްގަނޑުގެ ތެރެއަށް ސަރަހައްދުގެ އެންމެ ބޮޑު ދެގައުމު ކަމަށްވާ އީރާނާއި ތުރުކީ ވަނުމުން ސައޫދީ އާއި ޔޫއޭއީގެ މަސްއޫލުވެރިންގެ ވާހަކަތަކަށް ބަދަލުތަކެއް އައިސް މަސްރަހު ބަދަލުތަކެއް އަންނަން ފަށައިފި އެވެ.
އެއްކޮޅުން ސައޫދީ އާއި ޔޫއޭއީ ބަހްރައިން އަދި މިސްރު، އަނެއްކޮޅުން ގަތަރާ ދެމެދު މައްސަލަތައް އުފެދުނީ ގަތަރުން ޓެރަރިސްޓް ޖަމާއަތްތަކަށް އެހީތެރިވާ ކަމަށް ބުނެ އެހަތަރުގައުމުން ގަތަރާއި ގުޅުންތައް ކަނޑާލައި ގަތަރާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމުންނެވެ. މީގެ އިތުރުން ޔޫއޭއީގެ މަސްއޫލުވެރިއަކު ވަނީ ގަތަރުގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަންޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށް ވިދާޅުވެ ކުރިން ބަޔާނެއް ދެއްވާފަ އެވެ. އަދި ސައޫދީ ންވަނީ ސައުވީސް ގަޑީއިރުގެ ސުންގަޑިއެއް ގަތަރަށްދީ އެސުންގަޑީގެ ތެރޭގައި ސައޫދީން އެދޭ ޝަރުތުތަކެއް ފުރިހަމަ ކުރުމަށް ކުވައިތު މެދުވެރިކޮށް ގަތަރު ސަރުކާރަށް އަންގާފަ އެވެ.
ސައޫދީ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު އަންގާރަ ދުވަހު ވަނީ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުންތައް ކަނޑާލުމަށާއި އެޖަމާއަތްތަކަށް އެހީތެރިވުން ހުއްޓާލުމަށް ގަތަރަށް ގޮވާލައްވާފަ އެވެ. މިމޭރުމުން އާދިލްއަލްޖުބަ އިރު ދެއްކެވި ވާހަކަފުޅުގައި ގުޅުންތައް ކަނޑާލުމަށް ގަތަރުގެ ކިބައިންއެދިފައި ވަނީ އިސްރާއީލާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދުކުރާ ޙަމާސް ޖަމާއަތާއި އިސްލާމީ ފިކުރުގެ ސިޔާސީ ޖަމާއަތެއް ކަމަށްވާ އިޚްވާނުލްމުސްލިމޫން ޖަމާއަތާ އެވެ.
މީގެ އިތުރުން ގަތަރުގެ އަލްޖަޒީރާ ޗެނެލް ހުއްޓާލުމާއި ވަގުތުން އީރާނާ ގުޅުންތައް ކަނޑާލުމަށް ވެސް ސައޫދީން ގަތަރަށް ހުށަހެޅި ހަރުކަށި ޝަރުތުތަކުގެ ތެރޭގައިހިމެނެ އެވެ. މިޝަރުތުތަކާ އެކު ކުވައިތުގެ އަމީރު ގަތަރަށް ވަޑައިގެން ގަތަރުގެ އަމީރާ ބައްދަލު ކުރެއްވުމަށް ފަހު މިއަދުވަނީ ގަތަރުން ފުރާވަޑައިގެންފަ އެވެ. ނަމަވެސް ސައޫދީންގެ ޝަރުތުތަކާބެހޭ ގޮތުން މިހާތަނަށް ގަތަރުން އެއްވެސް އެއްޗެއް ބުނެފައެއްނުވެ އެވެ. އަދި މިޝަރުތުތައް ގަތަރުން ގަބޫލުކުކުރާނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ.
ފާއިތުވި ސައުވީސް ގަޑީއިރު ތެރޭގައި އީރާނާއި ތުރުކީ ވަނީ މިމައްސަލާގެ ތެރެއަށް ވަރަށްބޮޑަށް ވަދެ ގަތަރުގެ ކޮޅަށް ވަރަށްބޮޑަށް ޖެހިފަ އެވެ. ނަތީޖާއެއްގެ ގޮތުން ގަތަރަށްވަނީ ބޮޑު ހިއްވަރެއްލިބިފަ އެވެ. މިމައްސަލާގައި އީރާނުގެ ޚާރިޖީ ވަޒީރު ޑރ. މުހައްމަދު ޖަވާދު ޒަރީފް ތުރުކީއަށް ވަޑައިގެން ރައީސް އުރުދުޣާން އާ ބައްދަލުކުރައްވާފައިވާ އިރު އެދެބޭފުޅުންވަނީ ގަތަރަށް ވާގިވެރިވާނެކަން ހާމަކުރައްވާފަ އެވެ.
މިއާއެކު ތުރުކީގެ ޕާލަމެންޓުން ވަނީ ގަތަރު ހިމާޔަތް ކުރުމަށް ޓަކައި އެގައުމަށް ސިފައިންގެ ބޮޑު ލަޝްކަރެއް ފޮނުވުމަށް ނިންމާފަ އެވެ. މިއީ ސައޫދީއާއި ޔޫއޭއީން ގަތަރަށް އަސްކަރީ ގޮތުން ވަދެގެންފާނެ ކަމަށް ބަލައިގެންނެވެ. އަނެއްކޮޅުން އީރާނުގެ އެންމެ ބާރުގަދަ ލަޝްކަރު ކަމަށްވާ ރިވޮލިއުޝަނަރީ ގާޑުންގެ އެލީޓް ފޯސްއެއް ސިއްރިޔާތުގައި ގަތަރަށް ގޮސް ގަތަރުގެ އަމީރުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންދާކަމަށް ބައެއް ޚަބަރުތައް ބުނެ އެވެ.
މިކަން ޔަގީން ނުވިނަމަވެސް ގަތަރުން ވެސް އަދި އީރާނުން ވެސް މިކަން ދޮގު ކޮށްފައެއް ނުވެ އެވެ. އަނެއްކޮޅުން އީރާނުންވަނީ ކާބޯތަކެތީގެ އަވަސް ޝިޕްމެންޓެއް ގަތަރަށް ފޮނުވާފަ އެވެ. އަދި އީރާނުގެ ކަނޑުގެ ތިން ބަނދަރެއް ވަނީ ގަތަރަށް ބޭނުންވާ މުދާ ގެންދިޔުމަށް ހަމަޖައްސައި އެކަން އިޢްލާންކޮށްފަ އެވެ. މީގެ އިތުރުން އެމެރިކާގެ ރައީސް ޓްރަމްޕް ސައޫދީ ރަސްގެފާނަށް ފޯނުކުރައްވައި ސުލްޙަވެރިކަމާ އެކު މައްސަލަ ހައްލުކުރުމަށް ބާރުއަޅުއްވައި ވާހަކަ ދައްކަވާފައިވެ އެވެ. މިއީ ކުރިން ޓްރަމްޕް ކުރެއްވި ކަމެއްނޫނެވެ.
މި ކަންތައްތަކާ ގުޅިގެން ސައޫދީ އާއި ޔޫއޭއީގެ މަސްއޫލުވެރިން ކުރިން ދެއްވި ހަރުކަށި ބަޔާންތަކުގެ ބަދަލުގައި އެބޭފުޅުން މިހާރުވަނީ ތަންކޮޅެއް މައިތިރިކޮށް ވާހަކަ ދައްކަވަން ފައްޓަވާފަ އެވެ. މިގޮތުން ގަތަރާ ދެކޮޅަށް އަސްކަރީ ރޭވުމެއްނެތް ކަމަށް ޔޫއޭއީގެ މަސްއޫލުވެރިއަކު ވިދާޅުވެފައިވާ އިރު ސައޫދީ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު ވަނީ ގަތަރާ ދެކޮޅަށް އެޅީ އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް އެޅި ފިޔަވަޅުތަކެއް ނޫންކަމަށާ އެއީ ގަތަރު އިސްލާހް ވުމަށް ފުރްސަތު ދިނުމުގެ ގޮތުން އެޅި ފިޔަވަޅުތަކެއް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު ގަތަރުން ސައޫދީންގެ ހަރުކަށި ޝަރުތުތައް ގަބޫލުކުރާނެ ކަމަކަށް ނުބެލެވެ އެވެ. އަދި ބަޔަކު ބޭނުންވާގޮތަށް ގަތަރުގެ ސިޔާސަތު ބަދަލުނުކުރާނެ ކަމަށް ވިދާޅުވެ ގަތަރުގެ ޚާރިޖީ ވަޒީރުވަނީ ބަޔާނެއް ދެއްވާފަ އެވެ.
މިއީ ސައޫދީއާއި ޔޫއޭއީއަށް އިޝާރާތް ކުރައްވައި ދެއްވި ބަޔާނެއްކަމަށް ވަނީ ބެލެވިފަ އެވެ. ގަތަރާ ދެކޮޅަށްއަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް ސައޫދީއާއި ޔޫއޭއީ އެއްބަސްނުވާ ނަމަ އީރާނުން ގަތަރުގެ ކަންކަމުގެ ތެރެއަށް އެގައުމުން ވައްދާނެ އެވެ. މިއީ ސައޫދީއާއި ޔޫއޭއީ އަށް އިތުރު ބޮލުގެ ރިހުމަކަށް ވެގެންދިޔުން ނޫންކަމެއްނުވާނެ އެވެ. (ނޫސްއެޖެންސީތައް)