14 Jul 2011, 13:00
ޑެންގީގެ ނުރައްކަލާއި ގުޅިގެން ފަސްކުރި އިންޓަ ސުކޫލް ފުޓްބޯޅާ މުބާރާތާއި ސްކޫލް ކުދިންގެ ކެރަމް މުބާރާތް އަލުން ފެށޭނެ ތާރީހެއް އެނގޭނީ އެޑިއުކޭޝަން މިނިސްޓްރީން ޖަވާބެއް ދިނުމުން ކަމަށް ފުޓްބޯޅަ އާއި ކެރަމް އެސޯސިއޭޝަނުން ބުނެފިއެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓުމަންޓުގެ ޔޫތު ޑެވެލޮޕްމަންޓް ޕްރޮގްރާމްގެ ވެރިޔާ މުހައްމަދު ޝާޒްލީ ވިދާޅުވީ މުބާރާތް އަލުން ފެށޭނެ ތާރީހެއް އެނގޭނީ އެޑިއުކޭޝަނުން ސްކޫލުތަކަށް ހުއްދަ ދިނުމުން ކަމަށާއި އަދި ޖަވާބެއް ލިބިފައި ނުވާއިރު، މުބާރާތް އޮތީ ކުރިން ވެސް ފަސްކުރި ގޮތަށް ކަމަށެވެ.
ކެރަމް އެސޯސިއޭޝަންގެ ޗެއާޕާޝަން އަހުމަދު މުބީން ވިދާޅުވީ، މުބާރާތް ވަގުތީ ގޮތުން މެދު ކަނޑައިލީ ޑެންގީ ހުން ފެތުރެމުންދާތީ އެޑިއުކޭޝަން މިނިސްޓްރީގެ އެދުމުގެ މަތިން ކަމަށް ވީއިރު، އަލުން މުބާރާތް ފަށަން އިގޭނީ މިނިސްޓްރީން ދޭ ޖަވާބަކަށް ބަލާފައި ކަމަށެވެ.
މި ދެ މުބާރާތުގައި ވެސް ބައިވެރިވާ ބައެއް ސުކޫލްތަކުގެ ސްޕޯޓް ސުޕަވައިޒަރުން ބުނެފައި ވަނީ ދެން މުބާރާތް ބާއްވާފިނަމަ ސުކޫލްތަކުން ބޭއްވުމަށް ކުރިން ނިންމާފައިވާ މުބާރާތްތަކަށާއި ކުދިންގެ ކިޔެވުމަށް ބުރުއެރުން ތަކެއް އަރާނެ ކަމަށެވެ.