ޗެލްސީ ދޫކޮށް އެހެން ކްލަބަކަށް ބަދަލުވުމަށް، ކޯޗު އެންޓޯނިއޯ ކޮންޓޭ އޭނާކައިރީ ބުނެފިކަމަށް އެޓީމުގެ ފޯވާޑް ޑިއޭގޯ ކޮސްޓާ ބުނެފިއެވެ.

ނިމިދިޔަ ސީޒަންގައި ޗެލްސީއަށް 22 ލަނޑު ކާމިޔާބުކޮށްދިން ކޮސްޓާ އެހެން ކްލަބަކަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް އަރާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ.

ބޮޑު މުސާރައަކަށް ޗައިނީޒް ސުޕަރ ލީގުގެ ކްލަބަކަށް ކޮސްޓާ ބަދަލުވެދާނޭކަމުގެ އަޑުތައް ވެސް ގަދަވެފައިވާއިރު، ކޮންޓޭގެ ޓީމުން ދަނީ އެވަޓަންއަށް ކުޅެމުން އަންނަ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ އަނބުރާ ޗެލްސީއަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ކޮސްޓާއަށް ޗެލްސީގައި މުސްތަގުބަލެއް ނެތްކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

"އަހަރެންގެ ފޯނަށް ކޮންޓޭ ފޮނުވާފައިވާ މެސެޖެއްގައި ބުނެފައި ވަނީ، ކުރިއަށް އޮތް ސީޒަނަށް އޭނާއަށް އަހަރެންގެ ބޭނުންމެއް ނެތްކަމަށް،" ކޮލަމްބިއާ އާ ސްޕެއިން 2-2 ލަނޑުން އެއްވަރުވި ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗަށް ފަހު ކޮސްޓާ ބުންޏެވެ.

ކޮސްޓާ ބުނީ، ކޮންޓޭ އޭނާއަށް ފޮނުވި މެސެޖް ކްލަބުގެ އިސްފަރާތްތަކާއި އަދި ފޭނުންނާވެސް ހިއްސާކޮށްފައި ވާނޭ ކަމަށާއި، "އަހަރެން މިހާރު މިވަނީ މާކެޓަށް ހުށަހެޅިފައި،" ކަމަށެވެ.

"ކޯޗު އަހަރެން ބޭނުން ނެތިއްޔާ އަހަރެން ދެން ޖެހޭނީ އެހެން ދިމާއަކަށް ދާން،" ކޮސްޓާ ބުންޏެވެ.