08 Jun 2017, 12:51
އޭޝިިއަންކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ބެންގކޮކްގައި ތަމްރީންތައް ފަށައިފިއެވެ.
އަފްޣާނިސްތާނާ ދެކޮޅަށް މި މަހުގެ ހަ ވަނަ ދުވަހު ކުޅުނު މެޗަށް ފަހު ގައުމީ ޓީމް ބެންގްކޮކަށް ގޮސްފައިވަނީ އިއްޔެއެވެ.
އަފްޣާނިސްތާން އަތުން 2-1 ބަލިވި މެޗަށްފަހު ގައުމީ ޓީމުގެ ޕްރެކްޓިސް މިއަދު ފަށާފައިވާއިރު ކޯޗް ޑަރެން ސްޓެވާޓް ބުނީ ޓީމް އޮތީ ބޫޓާން މެޗަށް ތައްޔާރުވެފައި ކަމަށާއި ބޫޓާނަށް ދިޔުމުގެ ކުރިން ބެންގްކޮކްގައި ކޭމްކޮށް ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމުގެ ފުރުޞަތު ލިބުމަކީ ޓީމަށް ލިބުނު އިތުރު ފުރިހަމަ ކަމެއް ކަމަށެވެ.
އަފްޣާން މެޗަށް ފަހު ކޯޗް ސްޓެވާޓް ބުނީ އެ މެޗުގައި ރާއްޖެއިން ދެއްކި ކުޅުން، ބުޓާނާ ދެކޮޅަށް ކުޅޭ އޭޝިއަން ކަޕް ކޮލިފައިން މެޗުގައި ދައްކައިފިނަމަ، އެ މެޗުން ތިން ޕޮއިންޓް ލިބުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.
"ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗުގައި މި ކުޅުން ދައްކައިފިނަމަ، އަހަރެމެންނަށް ތިން ޕޮއިންޓް ލިބޭނެ ކަމުގެ ބޮޑު ފުރުސަތެއް އޮންނާނެ. އަހަރެމެން މެޗަށް އައިސްފައިވާނީ އެއް ދުވަސް ކުރިން. މިހުރިހާ ކަމަކަށް ބަލާއިރު ޓީމުން ދެއްކީ ވަރަށް ރަނގަޅު ކުޅުމެއް،" އޭނާ ބުންޏެވެ.
ސްޓެވާޓް ބުނީ، އަފްޣާނާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތްކުރި ކަމަށާއި ލަނޑުޖަހަން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ކަމަށެވެ. އަދި ރާއްޖެއިން ދެއްކި ވަރުގަދަ ކުޅުން ވެސް ކޯޗު ފާހަގަކޮށްފައިވެއެވެ.
ރާއްޖެއާ ބޫޓާން ބައްދަލުކުރާ މެޗު މި މަހުގެ 13 ވަނަ ދުވަހު އޮންނައިރު މީގެ ކުރިން އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ވަނީ ބަލިވެފައެވެ.