08 Jun 2017, 12:16
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ހަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިއަދު ތާއީދު ކޮށްފިއެވެ.
މަހުލޫފުގެ މައްޗަށް އިއްވި ހަ މަހުގެ ޖަލު ހުކުމް އިސްތިއުނާފު ކުރުމުން ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ކުރިމިނަލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށެވެ.
މަހުލޫފު ހަ މަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހުގަ އެވެ.
މަހުލޫފުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުގެ ރޭ 9:30 އިން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ބަޔަކު މުޒާހަރާ ކުރަމުންދަނިކޮށް ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއީލް ދީދީގޯޅި ބެރިކޭޑުޖަހައި ބަންދުކޮށްފައި ވަނިކޮށް ބެރިކޭޑުތައް ކޮށްޕައި ދުރަށް ޖެއްސުމަށް ފަހު މަހުލޫފް ގަދަކަމުން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާކަން ހެކީންގެ ހެކި ބަހުން ސާބިތުވާ ކަމަށެވެ.
އެ މައްސަލަ މަހުލޫފުގެ ފަރާތުން އިސްތިއުނާފު ކުރީ މިދިއަ އަހަރު އޮގަސްޓް މަހުގެ 10 ވަނަ ދުވަހު އެވެ. ނަމަވެސް އިސްތިއުނާފުގެ އަޑުއެހުންތައް ފަށާފައިވަނީ އޭގެ ުނުވަ މަސް ފަހުން މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހުގަ އެވެ.
ކުރިމިނަލް ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށް ހުކުމް އިއްވާފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ އަބްދުﷲ ހަމީދެވެ. ދެން އެ ބެންޗުގައި ތިއްބެވީ، ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަލީ ސަމީރެވެ.