ޔުވެންޓަސްގެ ބްރެޒިލް ޑިފެންޑަރު އެލެކްސް ސަންޑްރޯއަށް އިނގިރޭސި ލީގު ޗެމްޕިއަން ޗެލްސީން 34.7 މިލިއަން ޕައުންޑުގެ އޮފަރއެއް ހުށަހަޅައިފިއެވެ.

ޔުވެންޓަސްއިން އިޓަލީ ލީގާއި ކޮޕާ އިޓާލިއާ ކާމިޔާބުކުރިއިރު ސަންޑްރޯ ވަނީ، އެ ކާމިޔާބީތޔަކުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ރެއާލާ ދެކޮޅަށް ޔުވެންޓަސް ކުޅުނު ޗެމްޕިއަންސް ލީގު ފައިނަލްގައިވެސް ކުޅެފައެވެ.

އިޓަލީގެ ނޫހެއްކަމަށްވާ ލަ ސްޓަމްޕާގައި ވާގޮތުން ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ، މި ޑީލްއާ ގުޅޭގޮތުން އުމުރުން 26 އަހަރުގެ ބްރެޒިލް ޑިފެންޑަރުގެ އޭޖެންޓާވެސް ބައްދަލުކޮށްފައެވެ.

ޗެލްސީގެ ހުށަހެޅުމަށް ޔުވެންޓަސްއިން މަރުހަބާކިޔާފައިވާ ކަމަށާއި އެހެން ނަމަވެސް މިހާރު ހުށަހަޅާފައިވާ އަގަށް 10 މިލިއަން އިތުރުކުރުމަށް ޔުވެންޓަސްއިން އެދޭކަމަށް ލަ ސްޓަމްޕާގައި ވެއެވެ.