ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ކޮއްކޮ އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ހައްޔަރުކޮށްފިއެވެ.

އާޒިމް ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ވާގޮތުން އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ ޝަރުއީ ނިޒާމާ މެދު ދޮގު މައުލޫމާތު ފެތުރުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތެވެ.

ހައްޔަރުކުރަން ބޭނުންވާ ސަބަބެއްގެ ގޮތުގައި އެ އަމުރުގައި ބުނެފައި ވަނީ ގާނޫނީގޮތުން ރާއްޖޭގައި އުފެދިފައިވާ ސަރުކާރު ގާނޫނާ ޚިލާފަށް ބަދަލުކުރަން ހިތްވަރުލިބޭފަދަގޮތަށް އޭނާ ވާހަކަދައްކާފައިވާ ކަމަށެވެ. އަދި ޝަރުއީ ނިޒާމާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފައްދައި އިތުބާރު ގެއްލުވާލަން މަސައްކަތްކޮށް، ދޮގު މައުލޫމާތު ފަތުރައި ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް އެ އަމުރުގައިވެއެވެ.

އެ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮރުވަން މަސައްކަތްކޮށްފާނެ ކަމަށް ފެންނަ ކަމަށް ވެސް އެ އަމުރުގައިވެއެވެ.

އާޒިމް މުޖުތަމައުގެ ތެރެއަށް ދޫކޮށްލާފައި ބެހެއްޓުމަކީ އޭނާގެ ފަރާތުން މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ވެސް އެ އަމުރުގައިވެއެވެ.

އެ އަމުރުގައިވާގޮތުން އާޒިމާ ދެކޮޅަށް ލިބިފައިވާ ހެއްކަކީ އިންޓެލިޖެންސް ރިޕޯޓެކެވެ.