އަބީޝެކް ވަރްމަންގެ ކުރިއަށް އޮތް ފިލްމު 'ޝިއްދަތު' ގައި ފެނިގެން ދާނީ އާލިއާ ބަޓް އަދި ވަރުން ދަވާން ކަމަށް ޚަބަރުތައް ބުނެފި އެވެ.

މުމްބާއި މިރަރ އިން ރިޕޯޓު ކޮށްފައިވާ ގޮތުން 'ޝިއްދަތު'ގެ މަސައްކަތް ފަށާނީ އަންނަ އަހަރު އެވެ. އެ ފިލްމުގެ ސްކްރިޕްޓް އަދި އޮތީ އެންމެ ފުރަތަމަ ސްޓޭޖުގައި ކަމަށްވެ އެވެ.

'ޝިއްދަތު'ގައި އާލިއާ އާއި ވަރުން ފެނިގެންދާ ނަމަ، އެއީ ދެ މީހުން އެކުގައި މަސައްކަތް ކުރާ ހަތަރު ވަނަ ފިލްމަށް ވެގެން ދާނެ އެވެ. އާލިއާ އާއި ވަރުން ބޮލީވުޑަށް ނުކުތީ ވެސް 2012 ވަނަ އަހަރު ރިލީޒް ކުރި ކަރަން ޖޯހަރުގެ ފިލްމު 'ސްޓުޑެންޓް އޮފް ދަ އިޔަރ' އިންނެވެ. އެއަށް ފަހު 'ހަމްޕްޓީ ޝަރްމާ ކީ ދުލްހަނިއާ' އަދި 'ބަދްރީނާތު ކީ ދުލްހަނިއާ'ގައި ދެމީހުން އެކުގައި ފެނިގެން ގޮސްފައިވެ އެވެ.

އަބީޝެކް ވަރްވަން އާއި އާލިއާ ވެސް ވަނީ '2 ސްޓޭޓްސް'ގައި އެކުގައި މަސައްކަތް ކޮށްފަ އެވެ. '2 ސްޓޭޓްސް' އިން 100 ކުރޯރުގެ އާމްދަނީ އެއް ހޯދި އިރު، އެ ފިލްމު ވެގެން ދިޔައީ 2014 ވަނަ އަހަރު ރިލީޒް ކުރި އެންމެ ކާމިޔާބު އެއް ފިލްމަށެވެ.

'ޝިއްދަތު' ގައި ވަރުން އާ އެކު ލީޑު ރޯލުން އިތުރު ފިރިހެން އެކްޓަރެއް ފެނިގެންދާނެ ކަމަށްވެ އެވެ. ޚަބަރުތައް ބުނާ ގޮތުން އެއީ އަދިއްތުޔަ ރޯއި ކަޕޫރު ނުވަތަ އަރްޖުން ކަޕޫރު އެވެ.

ވަރުން މިހާރު ކުރަމުން އަންނަނީ 'ޖުޅްވާ 2' ގެ މަސައްކަތެވެ. އެ ފިލްމުގައި އޭނާ އާ އެކު ފެނިގެން ދާނީ ޖެކްލީން ފާނަންޑޭޒް އަދި ތާޕްސީ ޕަންނޫ އެވެ.

އާލިއާ މިހާރު ވެސް އަންނަނީ ތިން ފިލްމެއްގެ މަސައްކަތް ފެށުމަށް ތައްޔާރު ވަމުންނެވެ.