08 Jun 2017, 10:44
މިދިޔަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު 'ބާޣީ' ގެ ދެވަނަ ބައި، 'ބާޣީ 2' ގައި ޓައިގާ ޝްރޯފް އާއެކު ލީޑު ރޯލުން ފެނިގެންދާނީ ދިޝާ ޕަޓާނީ ކަން ޔަގީން ވެއްޖެ އެވެ.
'ބާޣީ 2' އިއުލާން ކުރުމާ އެކު ވެސް ޓައިގާ އާއެކު ފެނިގެންދާނެ ބަތަލާގެ ވާހަކަ ނުހުއްޓެ އެވެ. އެކި ބަތަލާއިންނާ ގުޅުވައިގެން ޚަބަރުތައް ފެންމަތިވި ނަމަވެސް އެ ރޯލުން ފެނިގެން ދާނެ ފަންނާނެއް އޮތީ ނޭނގުމެއްގެ ތެރޭގައެވެ.
އެހެން ނަމަވެސް ފިލްމުގެ ޕްރޮޑިއުސަރު ސާޖިދު ނާޑިއަޑްވާލާ މިހާރު މިވަނީ 'ބާޣީ' ގެ ދެވަނަ އިންސްޓޯލްމެންޓްގައި ފެނިގެން ދާނީ ދިޝާ ޕަޓާނީ ކަން ޔަގީން ކޮށްދީފައެވެ.
ފުރަތަމަ ފިލްމުގައި ޓައިގާ އަދި ޝްރައްދާ ކަޕޫރުގެ ފަރާތުން ރަނގަޅު އެކްޓިން އެއް ފެނިގެން ދިޔަ ނަމަވެސް، ސާޖިދު ބޭނުންވީ ޖޯދު ބަދަލު ކޮށްލާށެވެ. އޭނާ ބުނީ ޓައިގާ އާއި ދިޝާ ޕަޓާނީގެ އޮންސްކްރީން ކެމިސްޓްރީ ވަރަށް ރަނގަޅު ކަމަށާއި، ދިޝާ އަކީ އެ ރޯލަށް އެންމެ އެކަށީގެންވާ ބަތަލާ ކަމަށެވެ.
ސާޖިދު ބުނީ ފިލްމުގެ މަސައްކަތް ފެށުމަށް، ކާސްޓާ އެކު އޭނާ މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.
ފިލްމުގެ އެކްޝަން މަންޒަރުތަކަށް ތައްޔާރު ވުމަށް އަންނަ މަހު ޓައިގާ ހޮންގ ކޮންގ އަށް ފުރާނެ އެވެ.