08 Jun 2017, 10:40
ކޮލަމްބިއާއަށް އުފަން ސަންޑްރާ އަކީ ކްރިސްޓިއަން އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. އެންމެ ކުޑަ އިރުން ފެށިގެން ވެސް ކްރިސްޓިއަން ދީނުގެ ކަންކަމުގައި ވަރަށް ބޮޑަށް ޝާމިލްވެ އުޅުނެވެ.
އެންމެ ކުޑައިރުން ފެށިގެން ވެސް ފައްޅިއަށް ގޮސް، އެތަނުގައި އޮންނަ ހަރަކާތްތަކުގައި ބައިވެރިވެއެވެ. ޚާއްސަކޮށް ލަވަކިޔުމުގައެވެ. ސަންޑްރާ އަކީ މިޔުޒިކަށް ވަރަށް ލޯބި ކުރި މީހެކެވެ. މިޔުޒިކް ފެސްޓިވަލް ތަކާއި، ލަވަކިޔުމުގެ މުބާރާތްތަކުގައި ބައިވެރިވި އެވެ. އޭނާ ބޮޑުވަމުން ދިޔައީ ލަވައާއި މިޔުޒިކްގެ ތެރޭގައެވެ.
ސަންޑްރާ ބޭނުންވީ މިޔުޒިކްގެ ދާއިރާއިން ކުރިއަށް ދާށެވެ. އޭނާގެ ކިބައިގައި ކުޅަދާނަ ލަވަކިޔުންތެރިއަކަށް ވުމުގެ ގާބިލުކަން ހުރިކަމަށް އޭނާ ގަބޫލު ކުރި އެވެ. އެހެން ކަމުން އޮޕެރާ ލަވަކިޔުންތެރިއަކަށް ވުމަށް އޭނާ މިޔުޒިކަލް ޕްރޮގްރާމެއްގައި ބައިވެރިވިއެވެ.
އެ ޕްރޮގްރާމް ނިމުމާ އެކު މިޔުޒިކުން ޑިގްރީއަށް ކިޔެވުމަށް ސަންޑްރާ އޮސްޓްރިއާއަށް ބަދަލުވިއެވެ. ކޮންމެ ދުވަހަކުވެސް ކްލާހަށް ދިއުމުގެ ކުރިން އޭނާ ފައްޅިއަށް ދެއެވެ. ނަމަވެސް އެކަން ކުރާ ހިތަކުން ނޫނެވެ. އާއިލާ އާއި ވަކިން އުޅެން ޖެހުމުން، އާއިލާ އާއި ގުޅުވައިދޭ ހަމައެކަނި އެއްޗަކީ އޭނާގެ ދީން ކަމަށް ވިސްނުމުންނެވެ.
ސަންޑްރާ ލަވަކިޔަން ފެށީ މީހުން ހިތްހަމަޖައްސައިދޭށެވެ. ފައްޅީގައި ފާދިރީ މީހާ ދައްކާ ވާހަކައަށް ވުރެ، ލަވަޔަށް މީހުންގެ ސަމާލުކަން ބޮޑުވީމައެވެ. އޭނާ އޮސްޓްރިއާއަށް ކިޔަވަން ދިޔައީ ވެސް މައިންބަފައިން ބޭނުންވުމުންނެވެ. އެމީހުން ހިތްހަމަޖައްސައިދޭށެވެ.
އެހެންކަމުން ކޯސް ނިމުމަކާ ހަމައަށް ދިޔަ އިރު އޭނާގެ ހިތުގައި ހުސްކަމެއް ވާކަމުގެ އިޙްސާސް ކުރެވެން ފެށިއެވެ. އަދި އެކަނިވެރިކަމާއި، ހާސްކަން އޭނައަށް އުނދަގޫ ކުރަމުން ދިޔައެވެ. ދިރިއުޅުމުގެ މަގްސަދު އޭނާ އަކަށް ނޭނގެއެވެ. އޭނާގެ ދިރިއުޅުން މިސްރާބު ޖަހާފައި ވަނީ ކޮން ދިމާލަކަށް ކަމެއް ޚުދު އޭނާ އަކަށް ނުވިސްނުނެވެ. ދިރިއުޅުމުގެ ހުންގާނު އޭނާގެ އަތުން ދޫވެއްޖެ އެވެ.
ސަންޑްރާ ބޭނުންވީ މުޖުތަމައުގައި ފައިދާ ހުރި މީހަކަށް ވާށެވެ. ޤަދަރުވެރި ދިރިއުޅުމެއް އުޅޭށެވެ. އެހެން ނަމަވެސް މިޔުޒިކީ ފަންނާނުންގެ ދިރިއުޅުން މުޅިން ތަފާތެވެ. އަބަދު ވެސް ކޮންމެސް ހަމަނުޖެހުމެއް ނުވަތަ ނޭދެވޭ އަޑުތައް އަރައެވެ. އެއީ އޭނާ އުޅެން ބޭނުންވާ ދިރިއުޅުމެއް ނޫނެވެ.
އެހެންކަމުން އޭނާއަށް މަގު ދައްކައި ދިނުމަށް އެދި އެއް ރެޔަކު ދުއާ ކުރިއެވެ. މަރްޔަމްގެ ފާނަށް، ނުވަތަ އީސާގެ ފާނަށް ނުވަތަ ފާދިރީ އަކަށް ނޫނެވެ. އެއްކައުވަންތަ ކަލާނގެއަށެވެ. އޭނާ ދުއާ ކުރީ މަގު ގެއްލިިފައި ވާތީ، އޭނާއަށް މަގު ދައްކައިދިނުމަށެވެ.
އޭނާއަށް އޮތީ ދެ ގޮތެކެވެ. ޑިގްރީ ނިންމުމަށް ފަހު އަލުން ކޮލަމްބިއާއަށް ދިއުމެވެ. ނުވަތަ ކެނެޑާއަށް ބަދަލުވުމުވެ. އޭނާ ނިންމީ ކެނެޑާއަށް ބަދަލުވާށެވެ. ޑިގްރީ ނިމުނު ތަނާ އޭނާއަށް ކެނެޑާއަށް ދިއުމުގެ ހުރިހާ ކަމެއް ހަމަޖެހިގެން ދިޔައެވެ. އެހެންކަމުން ސަންޑްރާ ގަބޫލު ކުރީ، އެއީ އޭނާ ކުރި ދުއާގެ ނަތީޖާ ކަމަށެވެ. ދާންވީ މަގަކީ އެއީ އެވެ.
ހަގީގަތުގައި ވެސް އެ ނިންމުން ވެގެން ދިޔައީ އޭނާގެ މުޅި ދިރިއުޅުން ބަދަލު ކޮށްލި ކަމަކަށެވެ. ކެނެޑާއިން ފުރަތަމަ ފަހަރަށް އޭނާއަށް މުސްލިމުންނާ ބައްދަލުވި އެވެ. ސަންޑްރާއަށް ބޮޑު ހައިރާން ކަމެއް ލިބިގެން ދިޔައީ އިސްލާމް ދީނުގައި އީސާގެ ފާނާއި މަރްޔަމްގެ ފާނަށް ދީފައިވާ މަގާމުންނެވެ.
އޭނާއަށް އަބަދު ވެސް އިވެނީ މުސްލިމުންގެ ގޯސް ވާހަކައެވެ. ޚަބަރުތަކުން ބުނާ ގޮތުން މުސްލިމުންނަކީ ޓެރަރިސްޓުންނެވެ. އެހެންކަމުން މުސްލިމުންގެ ފަރާތުން އޭނާއަށް އިވުނު ވާހަކަތަކުގެ ސަބަބުން އިސްލާމް ދީނަށް އޭނާގެ ޝައުގުވެރިކަން އިތުރުވެގެން ދިޔައެވެ. އަދި އިސްލާމް ދީނާ ގުޅޭ މައުލޫމާތު ހޯދަން ފެށިއެވެ.
ފާދިރީއެއް ގާތުން އަހައިގެން އޭނާއަށް އެއްވެސް ސުވާލަކަށް އެކަށީގެންވާ ޖަވާބެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ކީރިތި ޤުރްއާނުން އޭނާގެ ސުވާލުތަކަށް ޖަވާބު ލިބެމުން ދިޔައެވެ. ހުރިހާ ކަމެއް ވަނީ ވަރަށް ސާފުކޮށް ލިޔެވިފައެވެ. ބަދަލުވުމެއް ނެތް ގޮތަށެވެ.
ސަންޑްރާއަށް މުސްލިމުން ނަމާދު ކުރާ ތަން ފުރަތަމަ ފެނުނީ އެ އަހަރުގެ ރަމަޟާން މަހު ރޯދަ ވީއްލުމެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުންނެވެ. ރޯދަ ވީއްލުމުގައި ވެސް މުސްލިމުން ކެތްތެރިއެވެ. މުޅި ދުވަހު ނުކައި ތިބުމަށް ފަހު ވެސް، ރޯދާ ވީއްލާ ވަގުތު އަވަސް އަރުވާލައިގެން ނޫޅެއެވެ. ކެއުމުގެ ކުރިން ދުއާކޮށް، ކެއުމަށް ފަހު ހަމްދު ކުރިއެވެ. ސަންޑްރާ ހައިރާންވި އެވެ.
އެ ދުވަހު މުސްލިމުން ޖަމާއަތުގައި ނަމާދު ކުރި މަންޒަރު ވެގެން ދިޔައީ ސަންޑްރާގެ ހަޔާތުގައި ވެސް ކުރެވުނު އެންމެ ތަފާތު ތަޖުރިބާ އަށެވެ. ކޮނޑާއި ކޮޑު ޖައްސައި، ސަފު ތަކަށް އެތުރިގެން މުސްލިމުން ކުރަނީ އެއް ހަރަކާތްތަކެކެވެ. އެއީ ކަޅެއް ދޮނެއް، ކުޅެދޭ މީހެއް ނުކުޅެދޭ މީހެއް ތަފާތު ކުރުމެއް ނެތް ޖަމާއަތެކެވެ. ﷲ އަކްބަރް!
ނަމާދުގައި މުސްލިމުން ޤުރްއާން ކިޔަވާ އަޑު އެއީ އޭނާއަށް އިވުނު އެންމެ ރީތި އަޑެވެ. އެންމެ ރީތި ރާގެވެ. މިޔުޒިކުން ނުލިބޭ ފަދަ އުފަލަކާއި ހިތްހަމަ ޖެހުމެއް އޭނާއަށް އެ ކުޑަ ވަގުތު ކޮޅުން ވެސް އިޙްސާސް ކުރެވުނެވެ. އެހެންކަމުން ގިނައިން ޤުރްއާން އަޑު އަހަން އޭނާ ބޭނުންވި އެވެ.
ސަންޑްރާއަށް އޭނާގެ ދިރިއުޅުމުގެ މަގްސަދު ފެނިއްޖެއެވެ. އޭނާ ކުރި ދުއާގެ އަސްލު ޖަވާބަކީ މިއީއެވެ. ދާންވީ މަގަކީ އިސްލާމް ދީނެ އެވެ. ހޯދަންވީ އިސްލާމްދީނުގެ ހިމާޔަތެވެ. އޭނާގެ ހުރިހާ ސުވާލެއްގެ ޖަވާބެއް ވަނީ އެ ދީނުގައެވެ. އެއްކައުވަންތަ ރަސްކަލާނގެއަށް އަޅުކަން ކުރަނީ މުސްލިމުންނެވެ. އޭނާ ވަނީ މުސްލިމުންނާއި އެކު އެވެ.
ސަންޑްރާ އިސްލާމްވީ ކެނެޑާއަށް ބަދަލުވިތާ ގާތްގަނޑަކަށް އެއް އަހަރު ފަހުންނެވެ. އެއީ އޭނަގެ އުމުރުން 31 އަހަރުގައެވެ. މިހާރު އޭނާ އިސްލާމްވި ފަހުން ދިހަ އަހަރު ވެއްޖެއެވެ.
އިސްލާމް ވުމަށް ފަހު ސަންޑްރާ ވަނީ އެންމެ ލޯބިވި މިޔުޒިކް ވެސް އެކީގައި ދޫކޮށްލައިފައެވެ. އޭނާގެ ދިރިއުޅުން ބިނާ ކުރަމުން އައީ މިޔުޒިކްގެ ވަށައިގެންނެވެ. އެހެން ނަމަވެސް ހިތަށް ހަމަޖެހުން ލިއްބައިދީ ނުތަނަވަސްކަމުން ދުރުކޮށްދިނީ އިސްލާމް ދީނެވެ. ޤުރްއާނެވެ. މިޔުޒިކް ކިޔެވި އިރު ދަސްކުރި ހުރިހާ ހުނަރެއް އޭނާ ބޭނުން ކުރީ ކީރިތި ޤުރްއާން އުނގެނުމަށާއި ހިތުދަސްކުރުމަށެވެ.
އިސްލާމް ދީނުގެ ހިދާޔަތް ލިބުން ވެގެން ދިޔައީ އޭނާއަށް ލިބުނު އެންމެ ބޮޑު ހަދިޔާ އަށެވެ. މިހާރު ކައިވެންޏެއް ކޮށް ކުއްޖަކު ވެސް ލިބިފައި ވާއިރު، ސަންޑްރާ އޭނާގެ ދަރިފުޅު އަދި ފިރިމީހާ ދެކެ އިންތިހާ އަށް ލޯބިވި ނަމަވެސް، އޭނާއަށް އެންމެ މުހިންމީ އިސްލާމް ދީން ކަމަށް ބުނެ އެވެ.