ސްރީލަންކާގެ އެންމެ ލީޑިންގް ބީޗު ހޮޓެލްގެ އެވޯޑު، ސަން ސިޔާމް ރިސޯޓްސްއިން އެގައުމުގައި ހިންގާ ރިސޯޓު "ސަން އަކުއާ ޕާސިކުޑާ"އަށް ލިބިއްޖެއެވެ.

މި އެވޯޑު ސަން އަކުއާ ޕާސިކުޑާއަށް ލިބުނީ އާދީއްތަ ދުވަހު ޗައިނާގެ ޝަންގްހާއީގައި އޮތް ދުނިޔޭގެ ފަތުރުވެރިކަމާ ބެހޭ އެންމެ ޝަރަފުވެރި އެވޯޑު، ވޯލްޑް ޓްރެވަލް އެވޯޑްސްގެ އޭޝިއާ އަދި އޮސްޓްރޭލިއާ ބައްރުގެ ޚާއްސަ ގާލާގައެވެ.

ސަން އަކުއާ ޕާސިކުޑާ ރިސޯޓު --

ސަން އަކުއާ ޕާސިކުޑާއަށް އެ އެވޯޑު ލިބުނީ، ސްރީލަންކާގެ އިތުރު ފަސް ރިސޯޓަކާ ވާދަކޮށްގެންނެވެ. އެ ރިސޯޓުތަކަކީ އަނަންތާރާ ކަލުތަރަ ރިސޯޓު، އަނަންތާރާ ޕީސް ހޭވަން ތަންގޯލް ރިސޯޓު، އަވާނީ ބެންތޮޓަ ރިސޯޓް އެންޑް ސްޕާ، ޝަންގްރީލާ ހަމްބަންތޮޓަ ރިސޯޓު އެންޑް ސްޕާ، އަދި ވިވަންޓާ ބައި ޓާޖް ބެންތޮޓަ ރިސޯޓެވެ.

ސަން އަކުއާ ޕާސިކުޑައަށް މިއަހަރުގެ ތެރޭގައި ވަނީ ބުކިންގް ޑޮޓް ކޮމްގެ ގެސްޓް ރިވިއު އެވޯޑާއި، ޓްރިޕްއެޑްވައިޒާގެ ޓްރެވެލާޒް ޗޮއިސް އެވޯޑުވެސް ލިބިފައެވެ.

ލަންކާގެ ލީޑިންގް ބީޗް ހޮޓެލްގެ އެވޯޑު ސަން އަކުއާ ޕާސިކުޑައަށް ލިބުނު އިރު، އެ ގައުމުގެ ލީޑިންގް ބުޓީކް ހޮޓެލްގެ އެވޯޑު ލިބުނީ ދުނިޔޭގެ އެންމެ ދުވަސްވީ އެއް ހޮޓެލް ކަމުގައިވާ، ކޮލޮމްބޯގެ ގޯލް ފޭސް ހޮޓެލަށެވެ. އަދި ލަންކާގެ ލީޑިންގް ބިޒްނަސް ހޮޓެލްގެ އެވޯޑު ލިބުނީ ކޮލޮމްބޯގައި ހުންނަ، ދިވެހީންގެ މެދުގައިވެސް މަޝްހޫރު ހިލްޓަން ކޮލޮމްބޯ ހޮޓަލަށެވެ.

ކޮލޮމްބޯގެ ޝަރަފުވެރި ގޯލް ފޭސް ހޮޓެލް ---

ހުރިހާ ގޮތަކުން ބަލާއިރު، ލަންކާގެ މިއަހަރުގެ ލީޑިންގް ހޮޓަލްގެ އެވޯޑު ލިބުނީ ކޮލޮމްބޯގައި ހުންނަ މޫވެންޕިކް ހޮޓެލަށެވެ. އަދި އެ ހޮޓެލްގެ ޕްރެޒިޑެންޝަލް ސުއީޓަށް ވަނީ، ލަންކާގެ ލީޑިންގް ހޮޓެލް ސުއީޓްގެ އެވޯޑުވެސް ލިބިފައެވެ.

ސަން އަކުއާ ޕާސިކުޑާ ހުންނަނީ ސްރީލަންކާގެ އިރުމަތީގައި އޮންނަ ބަޓިކަލޯ ޑިސްޓްރިކްޓްގެ އައްސޭރީގައި އޮންނަ ޕާސިކުޑާ ޓައުންގައެވެ. އެ ރިސޯޓުގައި ޖުމްލަ 32 ސުއީޓަކާއި ދެ ޑުޕްލެކްސް ވިލާ ހުރެއެވެ.