ރެއާލްއަށް ފޯވާޑެއް ބޭނުންވާ ކަމަށް ކޯޗް މޮރީނިއޯ މީޑިއާގައި ބުނެފައި ވާއިރު، ރިއާލްގެ މެނޭޖްމަންޓުން މަސައްކަތް ކުރަމުން ދަނީ ޒުވާން ފޯވާޑެއް ހޯދަން ކަމަށް ބައެއް ރިޕޯޓްތަކުން ބުނެފި އެވެ.

ޒުވާން ފޯވާޑަކު ހޯދުމުގެ މަސައްކަތްތައް ރިއާލް އިން ކުރަމުން އަންނަނީ ފާޅުކަން ބޮޑު ނޫން ގޮތެއްގައި ކަމަށާއި އެއީ މަޝްހޫރު ކުލަބްތަކުގެ ކޯޗުން ވިންނަން ޖެހޭ ކަމެއް ކަމަށް ވެސް ރިޕޯޓްތަކުގައި ބުނެއެވެ.

ކުރިއަށް އޮތް ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ރެއާލް އިން ދަނީ ވީހާ ގިނަ ޒުވާން މޮޅު ކުޅުން ތެރިން ހޯދުމުގެ ސިލްސިލާ މަސައްކަތް ތަކެއް ކުރަމުންނެވެ. އެންމެ ބޮޑަށް މަސައްކަތް ކުރަނީ ޒުވާން ފޯވާޑެއް ހޯދުމަށާއި އެގޮތުން ރިއާލްއަށް ހޯދާ ފޯވާޑް 25 އަހަރަށް ވުރެ ހަގު ވާނެ ކަމަށް ވެސް ރިޕޯޓްތަކުގައި ބުނެ އެވެ.

އެއްދުވަސް ކުރިން ރެއާލް ޓީވީއަށް ދިން އިންޓަވިއުއެއްގައި ކޯޗް މޮރީނިއޯ ބުނެފައި ވަނީ، ޓީމަށް މަދުވަނީ ފޯވާޑެއް ކަމަށާއި ފޯވާޑަކު ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެއީ ކޮން ކުލަބެއްގެ ފޯވާޑެއް ކަމެއް މޮރީނިއޯ ބުނެފައެއް ނުވެ އެވެ. ޒުވާން ފޯވާޑެއް ހޯދަން މޮރީނިއޯ އާއި ރެއާލް މަސައްކަތް ފަށާފައި ވާއިރު، މޮރީނިއޯ ފާރަލާ އެއް ކުޅުން ތެރިޔަކީ މިހާރު ދުނިޔޭގައި ވިދަމުން އަންނަ ބްރެޒިލްގެ ޒުވާން ފޯވާޑް ނޭމާ އެވެ.

ވާދަވެރި ބާސެލޯނާގެ ފަހަތުން މިދިޔަ ސީޒަނުގެ ލީގުގެ ދެވަނަ ހޯދި ރެއާލް އިން ވަނީ ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ބެންފީކާގެ ޑިފެންޑަރު ފަބިއޯ ކޮއެންޓްރާއޯ އާއި ބަޔާން މިއުނިކަށް ކުޅެމުންދިޔަ ތުރުކީގެ މިޑްފީލްޑަރު ހާތިމް އަލްޓިންޓޮޕާއި ބޮރޫޝިއާ ޑޯޓްމަންޑުގެ ތުރުކީ މިޑްފީލްޑަރު ނޫރީ ޝާހިން އާއި ސްޕެއިންގެ ފޯވަޑް ހޯސޭ ކަލެޔޮން އަދި ފްރާންސްގެ ޒުވާން ޑިފެންޑަރު ރަފައެލް ވަރާން ގެންގޮސްފަ އެވެ.