07 Jun 2017, 21:39
ޖެނީވާގައި މިއަދު ބޭއްވި އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ 35 ވަނަ ބައްދަލުވުމުގައި އިނގިރޭސި ވިލާތުން ރާއްޖެއާ ދެކޮޅަށް ދިން ބަޔާނުން މަސައްކަތް ކޮށްފައި ވަނީ ރާއްޖެއާ ބެހޭ ހަގީގަތް އޮޅުވާލައިގެން ދެއްކުމަށް ކަމަށް ޖެނީވާގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ހާލާ ހަމީދު ވިދާޅުވެއްޖެ އެވެ.
ގިނަ ގައުމުތަކެއްގެ ފަރާތުން ރާއްޖެއާ ދެކޮޅަށް ބަޔާނެއް ދިނުން
ޖެނީވާގައި މިހާރު ކުރިޔަށްދާ އދގެ ހިއުމަން ރައިޓްސް ކައުންސިލުގެ 35 ވަނަ ބައްދަލުވުމުގައި، ދުނިޔޭގެ 30 އަށް ވުރެ ގިނަ ގައުމުގެ ފަރާތުން އިނގިރޭސި ވިލާތުން ވަނީ، ރާއްޖެއާ ދެކޮޅަށް ބަޔާނެއް ދީފައެވެ.
އިނގިރޭސި ވިލާތުން އެ ބަޔާން އިއްވީ އެގައުމުގެ އިތުރުން އޮސްޓްރިއާ، އޮސްޓްރޭލިއާ، ބެލްޖިއަމް، ބަލްގޭރިއާ، ކެނެޑާ، ކްރޮއޭޝިއާ، ޗެކް ރިޕަބްލިކް، ސައިޕްރަސް، ޑެންމާކް، އެސްޓޯނިއާ، ފިންލެންޑް، ފްރާންސް، ޖޯޖިއާ، ޖަރުމަނު ވިލާތް، ގްރީސް، އައިސްލެންޑް، އަޔަލެންޑް، އިސްރާއީލު، ލެޓްވިއާ، ލިކްޓެންސްޓައިން، ލިތުއޭނިއާ، ލަގްޒަމްބާގް، މޯލްޓާ، ނެދަލެންޑްސް، ނިއުޒިލެންޑް، ޕޮލެންޑް، ސްލޮވާކިއާ، ސްލޮވޭނިއާ، ސްވީޑެން، ސްވިޓްޒަލެންޑް، ޔޫކްރެއިން އަދި އެމެރިކާގެ ފަރާތުންނެވެ.
އެ ބަޔާނުގައި އިނގިރޭސި ވިލާތުން ވަނީ ބްލޮގަރ ޔާމީން ރަޝީދު މަރާލި މައްސަލައަށް ކަންބޮޑުވުން ފާޅުކޮށް، މީގެ ކުރިން ޔާމީން އެ ކައުންސިލަށް ހާޒިރުވެ، ރާއްޖޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތިދާ މިންވަރުގެ މައުލުމާތު އެ ކައުންސިލަށް ހިއްސާކޮށްފައިވާކަން ފާހަގަކޮށްފައެވެ. އަދި ރާއްޖޭގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކަށް ބިރުދެއްކުމާއި، ހައްދުފަހަނައެޅި ހަރަކާތްތައް ހިންގާ ފަރާތްތައް ހުއްޓުވަން މަސައްކަތް ކުރުމަށް ރާއްޖެއަށް ގޮވާލިއެވެ.
މީގެ އިތުުރން ރާއްޖޭގައި އިދިކޮޅު ސިޔާސީ ހަރަކާތް ހިންގުމަށާއި އިދިކޮޅު ފިކުރުތަކުގެ ފަރާތްތަކުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދޭންޖެހޭ ކަމަށާއި، ރާއްޖޭގެ ޝަރުއީ ދާއިރާ މިނިވަންކޮށް، އެހެނިހެން މުއައްސަސާތައް ވެސް ހަރުދަނާ ކުރުމަށް އިނގިރޭސިވިލާތުން ރާއްޖެއަށް ގޮވާލިއެވެ.
ހިއުމަން ރައިޓްސް ކައުންސިލުން ރާއްޖެއަށް ޒިޔާރަތް ކުރުމަށް އެދިފައިވާ ގިނަ ރިކުއެސްޓްތަކަށް ހުއްދަ ދިނުމަށް ބާރު އަޅައި، އިނގިރޭސި ވިލާތުން ބުނީ ރާއްޖޭގެ އިންސާނީ ހައްގުތަކާ ބެހޭ ހާލަތް ހަރުދަނާ ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމަޢާ ގުޅިގެން ރާއްޖެއިން މަސައްކަތް ކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.