07 Jun 2017, 21:20
އަފްޣާން މެޗުގައި ރާއްޖެއިން ދެއްކި ކުޅުން، މިމަހުގެ 13 ވަނަ ދުވަހު ބުޓާނާ ދެކޮޅަށް ކުޅޭ އޭޝިއަން ކަޕް ކޮލިފައިން މެޗުގައި ދައްކައިފިނަމަ، އެ މެޗުން ތިން ޕޮއިންޓް ލިބުމުގެ ފުރުސަތު ބޮޑު ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޑެރަން ސްޓެވާޓް ބުނެފިއެވެ.
ދުބާއީގައި ރޭ އަފްޣާނާ ދެކޮޅަށް ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުން ރާއްޖެ ބަލިވެފައިވަނީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ރާއްޖެއިން ޖެހި ލަނޑު، ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ)އެވެ.
ގައުމީ ކޯޗު ސްޓެވާޓް ބުނީ، އެ މެޗުގައި ރާއްޖެ ބަލިވި ނަމަވެސް، ޓީމުން ދެއްކީ ރަނގަޅު ކުޅުމެއް ކަމަށާއި ބޫޓާންގައި ކުޅޭ ކޮލިފައިން މެޗުގައި އެ ކުޅުން ދައްކަން ޖެހޭ ކަމަށެވެ.
"ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗުގައި މި ކުޅުން ދައްކައިފިނަމަ، އަހަރެމެންނަށް ތިން ޕޮއިންޓް ލިބޭނެ ކަމުގެ ބޮޑު ފުރުސަތެއް އޮންނާނެ. އަހަރެމެން މެޗަށް އައިސްފައިވާނީ އެއް ދުވަސް ކުރިން. މިހުރިހާ ކަމަކަށް ބަލާއިރު ޓީމުން ދެއްކީ ވަރަށް ރަނގަޅު ކުޅުމެއް،" އޭނާ ބުންޏެވެ.
ސްޓެވާޓް ބުނީ، އަފްޣާނާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތްކުރި ކަމަށާއި ލަނޑުޖަހަން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ކަމަށެވެ. އަދި ރާއްޖެއިން ދެއްކި ވަރުގަދަ ކުޅުން ވެސް ކޯޗު ފާހަގަކޮށްފައިވެއެވެ.
އިއްޔެގެ މެޗުގައި ރާއްޖޭގެ މުހިންމު ކުޅުންތެރިންތަކަކަށް ކޯޗު ޑެރަން ސްޓެވާޓް ވަނީ ރެސްޓުދީފައެވެ. އޭގެ ތެރޭގައި އޭއެފްސީ ކަޕްގައި ވާދަކުރަމުންދިޔަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ. އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖެ އަތުން އަފްޣާން ވަނީ މޮޅުވެފައެވެ. އެ މެޗުން ރާއްޖެ ބަލިވީ 4-1 ލަނޑުގެ ނަތީޖާއަކުންނެވެ.
އަފްޣާނާ ދެކޮޅަށް ކުޅުނު މެޗަކީ މިމަހުގެ 13 ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް ތައްޔާރުވުމަށްޓަކައި ކުޅުނު މެޗެކެވެ.