07 Jun 2017, 21:18
މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭނޫސްވެރިކަމުގެ އެވޯޑަށްކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރު ހަފްތާއެއްގެ މުއްދަތަށް އިތުރުކޮށްފިއެވެ.
އެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މެއި 21 ވަނަ ދުވަހު ހުޅުވައި، އިއުލާން ކުރި އިރު، ނަން ހުށަހެޅުމުގެ މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މާދަމާގެ މެންދުރުފަހު 1:00 އެވެ.
ނަމަވެސް މީޑިއާ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ޖޫން 15 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފައިވާ ކަމަށެވެ.
ނޫސްވެރިންގެ ހުށަހެޅުންތަކަށް އިންސާފުކުރުމަށްފަހު އެވޯޑު ދެވޭނެ ކަމަށް ލަފާކުރެވެނީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.
މީޑިއާ ކައުންސިލުގެ ރައީސް އަބްދުލްމުއީދު ހަސަން މީގެ ކުރިން ވިދާޅުވި ގޮތުގައި، މިއަހަރު ނޫސްވެރިކަމުގެ އެވޯޑު ދިނުމުގެ ގަވާއިދު މުރާޖާކުރުމަށްފަހު އެ ގަވާއިދު ވަނީ އުސޫލަކަށް ބަދަލުކޮށްފައެވެ. އަދި ހުރިހާ އިނާމެއް އެއް އުސޫލެއްގެ ދަށުން ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.
ނޫސްވެރިކަމުގެ އިނާމު ދެވޭ ދާއިރާތައް:
އިޖުތިމާއީ ދާއިރާ
- ސިޔާސީ ދާއިރާ
- ޝަރުއީ އަދި ގާނޫނީ ދާއިރާ
- ވިޔަފާރި އާއި އިގްތިސޯދުގެ ދާއިރާ
- ކުޅިވަރުގެ ދާއިރާ
- ފޮޓޯ ޖާނަލިޒަމްގެ ދާއިރާ
- ވީޑިއޯ ޖާނަލިޒަމްގެ ދާއިރާ
- ފީޗާ ލިޔުމުގެ ދާއިރާ
އެ އަށް އެވޯޑުގެ އިތުރުން ލައިފްޓައިމް އެޗީވްމަންޓް އިނާމާއި އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމުވެސް މިފަހަރުގެ އެވޯޑު ހަފްލާގައި ދޭނެއެވެ.
މިއަހަރު އަލަށް ދޭ ލައިފްޓައިމް އެޗީވްމަންޓް އިނާމު ލިބޭ ފަރާތެއް ކަނޑައަޅަނީ މީޑިއާ ކައުންސިލުންނެވެ. އަދި މިދިޔަ އަހަރުން ފެށިގެން ދޭންފެށި އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑު ދޭ އުސޫލަށް މިއަހަރު ވަނީ ބަދަލުތަކެއް ގެނެސްފައެވެ.