14 Jul 2011, 11:40
ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލް ފެންވަރު ދައްކާލައި، ޕަޓޯއާއި ނޭމާގެ ލަނޑުތަކުން މޮޅުވެ، ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
ރޭ ރާއްޖޭ ގަޑިން ފަތިހު 5:45 ގައި އިކުއެޑޯއާއި ދެކޮޅަށް ކުޅެ ބްރެޒިލް އިން މެޗް ކާމިޔާބު ކުރީ 4-2 ލަނޑުންނެވެ. އަދި ރޭ ރާއްޖެ ގަޑިން ދަނަވަރު 3:15 ގައި ވެނެޒުއޭލާއާއި ޕެރަގުއޭ ބައްދަލުކުރި މެޗް ނިމިފައިވަނީ 3-3 ލަނޑުން ދެޓީމު އެއްވަރުވެގެން ނެވެ.
ބްރެޒިލް އިކްއެޑޯ ވާދަކުރި މެޗުގައި 60 މިނެޓް ވަންދެން ބުރެޒިލް މޮޅުވިޔަ ނުދީ އިކްއެޑޯއިން ހަމަހަމަ ނަތީޖާއެއްގައި ހިފެހެއްޓި އެވެ. ނަމަވެސް މޮޅަށް ކުޚެމުންދިޔަ ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ޕަޓޯއާއި ނޭމާ އޮބެހެއްޓުމުގައި އިކްއެޑޯއަށް އުޅެން ޖެހުނީ ހާލުގަ އެވެ. ހަމައެއާއެކު ބްރެޒިލްގެ ޑިފެންޑަރުންނަށް އިކުއެޑޯގެ ފޯވާޑް ފިލިޕް ސީސެޑޯ އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ.
މެޗުގައި ބްރެޒިލުން ފުރަތަމަ ލަނޑު ޖެހީ 28 ވަނަ މިނެޓްގައި ޕަޓޯއެވެ. ޕަޓޯގެ ގޯލަށް ފަހު މެޗުގެ 36 ވަނަ މިނެޓްގައި އިކުއެޑޯގެ ސީސެޑޯ ބްރެޒިލްގެ ގޯލު ވެސް ހުޅުވައި މެޗް ހަމަ ކުރި އެވެ.
ދެވަނަ ހާފް ފަށައިގެން ތިންމިނެޓް ނުވަނީސް ނޭމާވަނީ ބްރެޒިލަށް ލީޑް ހޯދައިދީ މި މުބާރާތުގައި ފުރަތަމަ ފަހަރަށް ލަނޑެއް ޖަހައިފަ އެވެ. އޭގެ 10 މިނެޓްފަހުން ސީސެޑޯ ހިތްވަރުކޮށް ދެ ވަނަ ފަހަރަށް އިކްއެޑޯއަށް ހަމަހަމަ ކޮށްދިނެވެ. އޭގެ ދެމިނެޓް ފަހުން ޕަޓޯ ވަނީ ބްރެޒިލްގެ ތިން ވަނަ ލަނޑުޖަހާފަ އެވެ. މެޗްގެ 71 ވަނަ މިނެޓްގައި ބްރެޒިލްގެ ލީޑް ފުޅާކޮށްދީފައިވަނީ ދެވަނަ ލަނޑު ކާމިޔާބުކޮށްދިން ނޭމާއެވެ. މި ލަނޑާއެކު މެޗް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ މަގާމް ކަށަވަރުވެ ކުއާޓަ ފައިނަލަށް ދިޔަކަން ބްރެޒިލަށް ކަށަވަރުވި އެވެ. މި މިބުރާތުގައި މީގެ ކުރިން ބްރެޒިލް ކުޅުނު ދެ މެޗާ އަޅާ ބަލާއިރު ރޭ ބްރެޒިލް ފެނިގެން ދިޔައީ ހުރިހާ ދިމާއަކުން ވެސް މޮޅަށް ކުޅެނިކޮށެވެ.
ޕެރަގުއޭއާއި ވެނެޒުއޭލާ ބައްދަލުކުރި މެޗް ފަށައިގެން ހަތަރު ވަނަ މިނެޓްގައި ވެނެޒުއޭލާއިން ލީޑް ނެގިނަމަވެސް ޕެރަގުއޭއިން ވަނީ ދެ ލަނޑުގެ ލީޑެއްނަގައި މެޗްގެ 89 ވަނަ މިނެޓާއި ޖެހެންދެން ހިފަހައްޓާފަ އެވެ. ވެނެޒުއޭލާއަށް ފުރަތަމަ ލަނޑު ޖަހައި ދިނީ ސަލޮމޮން ރަންޑޮން އެވެ. މެޗްގެ 32 ވަނަ މިނެޓްގައި ޕެރަގުއޭއަށް އަލްކަރޭޒް އެއްވަރުކޮށްދިންއިރު 62 ވަނަ މިނެޓްގައި އެޓީމަށް ލީޑް ނަގައިދިނީ ލޫކަސް ބަރިއޯސްއެވެ. މެޗްގެ 85 ވަނަ މިނެޓްގައި ކްރިޓިއަން ރިވެރޯސް ލީޑް ފުޅައިކޮށްދިންނަވެސް މެޗް ނިމެންދަނިކޮށް ވެނަޒުއޭލާއިންވަނީ ދެލަނޑު ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗްގެ 89 ވަނަ މިނެޓްގައި ވެނެޒުއާލާގެ ދެވަނަ ލަނޑު މިކޫ ކާމިޔާބުކޮށްދިއިރު ތިންވަނަ ލަނޑު މެޗްގެ 90 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ގްރެންޑީ ޕެރަޒޯ އެވެ.
ޕެރަގުއޭ އާއި ވެނެޒުއޭލާގެ މެޗް 3-3 ން އެއްވަރުވުމުން ވެނެޒުއޭލާއަށާއި ޕެރަގުއޭއަށް ވެސް ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުވީ އެވެ. ބްރެޒިލްއާއި އިކުއެޑޯ މެޗަށްފަހު މިދެޓީމަށް ގްރޫޕްގެ މަގާމްތައްވެސް ކަށަވަރުވީ އެވެ.
މިމުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗްތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. ކުއާޓާ ފައިނަލްގެ ހަތަރު މެޗުންކުރެ ދެ މެޗް ހޮނިހިރުދުވަހު ކުޅޭއިރު އަނެއް ދެ މެޗް ކުޅޭނީ އާދީއްތަ ދުވަހުއެވެ. ހޮނިހިރު ދުވަހު ފުރަތަމަ މެޗް ރޭގަނޑު 12:00 ގައި ކޮލަމްބިއާއި ޕެރޫ ބައްދަލުކުރާއިރު އަނެއް މެޗްގައި އާޖެންޓީނާއާއި އުރުގުއާއީ ބައްދަލުކުރާނީ ފަތިހު 3:15 ގައެވެ. އާދީއްތަ ދުވަހު ފުރަތަމަ މެޗް ރޭގަނޑު 12:00 ބްރެޒިލްއާއި ޕެރަގުއޭ ބައްދަލުކުރާއިރު އަނެއް މެޗްގައި ޗިލީއާއި ވެނެޒުއޭލާ ބައްދަލުކުރާނީ ފަތިހު 3:15 ގައެވެ.