ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ޕާސަނަލް އެސިސްޓެންޓް އަހުމަދު ސޮފްއާން ފުލުހަށް ހާޒިރުވުމަށް ހަތް ދުވަހުގެ މުހުލަތެއް ދީފި އެވެ.

ސޮފްވާން ހޯދަނީ ފުލުހުންގެ އިކޮނޮމިލް ކްރައިމް ޑިޕާޓްމެންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެންނެވެ. ރާއްޖެއިން ބޭރުގައި ހުންނެވި ސޮފްވާން ހޯދުމަށް، މިދިޔަ އޭޕްރީލް މަހު އޭނާގެ ފޮޓޯ ވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ސޮފްވާން ފުލުހަށް ހާޒިރު ނުވެއްޖެނަމަ، ޗިޓަށް ހާޒިރު ނުވި މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް މައްސަލަ ހުށަހަޅާނެ ކަމަށެވެ.

"..މި މުއްދަތުގެ ތެރޭގައި އަހްމަދު ސޮފްވާން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހާޒިރު ނުވެއްޖެނަމަ ޗިޓަށް ހާޟިރުނުވި މައްސަލާގައި އަހުމަދު ސޮފްވާން [ކ. މާލެ / މ. ހިމްމިޔާ] މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާނެ ވާހަކަ ދަންނަވަމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

ރައީސް މައުމޫންގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމުގައި ސޮފްވާން (ވ)--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސޮފްވާން ފުލުހަށް ހާޒިރު ކުރަން މަސައްކަތް ކުރަނީ ކޮން މައްސަލައެއްގެ ތަހުގީގަށް ކަމެއް ސާފެއް ނުވެ އެވެ.

ސޮފްވާން ހޯދުމަށް އިންޓަޕޯލްގެ އެހީއަށް ވެސް ފުލުހުން އެދުނެވެ. ނަމަވެސް އޭނާ ހޯދުމަށް އިންޓަޕޯލުން މިހާތަނަކަށް ނޯޓިހެއް ނުނެރެއެވެ.