07 Jun 2017, 17:16
ތެހެރާން (ޖޫން 7): އީރާނުގެ ގާނޫނު ހަދާ މަޖިލީހާއި އެ ގައުމުގެ ކުރީގެ ލީޑަރު އާޔަތުﷲ ޚާމަނާއީގެ މަގުބަރާގައި ބަޑިންނާއި އަމިއްލައަށް މަރުވެގެން ދިން ހަމަލާތަކުގައި ހަތް މީހަކު މަރުވެއްޖެ ކަމަށް އީރާނުގެ މީޑިއާތަކުން ބުނެފި އެވެ.
އީރާނުގެ އިންޓެލިޖެންސް މިނިސްޓްރީން ބުނި ގޮތުގައި ތެހެރާނުގައި ތިން ވަނަ ހަމަލާއެއް ދޭން މަސައްކަތް ކުރި "ޓެރަރިސްޓުންގެ ޓީމެއް" ސަލާމަތީ ފަރާތްތަކުން ވަނީ ހުއްޓުވާފަ އެވެ.
އީރާނުގެ މަޖިލިސް މެމްބަރު އެލިއާސް ހަޒްރާތީއާ ހަވާލާދީ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި ގާނޫނު ހަދާ މަޖިލީހަށް ހަމަލާ ދީފައި ވަނީ ހަތިޔާރު އަޅައިގެން ތިިބި ތިން މީހުންނެވެ. އޭގެ ތެރެއިން އެކަކު ވަނީ ގޮވާތަކެތި ހަރުކޮށްފައިވާ ވެސްޓެއް ގޮއްވާލައިގެން އަމިއްލައަށް މަރުވެފައި ކަމަށް ދައުލަތުގެ މީޑިއާ އައިއާރުއައިބީން ބުންޏެވެ.
އަދި މަޖިލިހަށް ހަމަލާ ދިން މީހުން ހަތަރު މީހަކު ރަހީނު ކުރި ކަމަށް ސައްހަކަން ޔަގީން ނުވާ ރިޕޯޓުތަކުގައިވާ ކަމަށް ތަސްމީން ނޫހުން ބުންޏެވެ.
މަޖިލިހަށް ހަމަލާ ދިންތާ ބައި ގަޑި އިރު ފަހުން ހަތިޔާރު އަޅައިގެން ތިބި ބަޔަކު ވަނީ ޚާމަނާއީގެ މަގުބަރާގައި ހަމަލާތަކެއް ދީފައި ކަމަށް އީރާނުގެ ޕްރެސް ޓީވީން ބުންޏެވެ. އޭގެ ތެރެއިން އެކަކު އަމިއްލައަށް މަރުވެގެން ބޮމުގެ ހަމަލާއެއް ދީފައިވާ އިރު، ދެ ވަނަ މީހަކު ވަނީ ފުލުހުން ދިން ހަމަލާތަކުގައި މަރުވެފަ އެވެ. އަދި ހަމަލާގައި ބައިވެރިވި ތިން ވަނަ މީހާ ހައްޔަރުކޮށްފައިވާ ކަމަށް ތެހެރާނުގެ ގަވަރުނަރާ ހަވާލާދީ އައިއާރުއައިބީގައިވެ އެވެ.
އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ރަސްމީ ވެބްސައިޓު އަ މާގު މެދުވެރިކޮށް އެޖަމާއަތުން ވަނީ އެހަމަލާތަކުގެ ޒިންމާ ނަގާފަ އެވެ. އެއީ އައިއެސްއިން އީރާނަށް ދިން ފުރަތަމަ ހަމަލާ އެވެ. (ރޮއިޓާސް)