07 Jun 2017, 12:01
ވޮޝިންޓަން(ޖޫން 6): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލްސައުދަށް ގުޅުއްވައި ގަލްފުގެ ގައުމުތަކުގެ އެއްބައިވަންތަކަމަށް ގޮވާލައްވައިފި އެވެ.
އެމެރިކާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ދެ ބޭފުޅުންގެ ފޯނު ކޯލުގައި ރައީސް ޓްރަމްޕް ވަނީ "ހައްދުފަހަނަ އަޅާފައިވާ ހިޔާލާއި ޓެރަރިޒަމަށް ހަރަދު ކުރުން ހުއްޓުވުމަށް އެސަރަހައްދުގެ އެއްބައިވަންތަކަން ބޭނުންވާ" ކަމަށް ވިދާޅުވެފައެވެ.
ޓްރަމްޕް ސައުދީ ރަސްގެފާނަށް ގުޅުއްވުމުގެ ކުރިން އޭނާ ވަނީ ގަތަރު އެކަހެރި ކުރުމަކީ "ޓެރަރިޒަމް ނިމުމުގެ ފެށުން" ކަމަށާއި އެއީ އޭނާ މެދުއިރުމައްޗަށް ކުރެއްވި ދަތުރުފުޅުގެ ކާމިޔާބީ ކަމަށް ވިދާޅުވެފައެވެ. އަދި ގަތަރުން ޓެރަރިޒަމަށް ފައިސާ ހަރަދުކުރާ ކަމަށްވެސް ޓްރަމްޕް ތުހުމަތު ކުރެއްވި އެވެ.
ގަތަރާ ޓެރަރިސްޓު ޖަމާއަތްތަކާ ގުޅުން އޮތް ކަމަށް ބުނެ އެގައުމާ އެކު އޮތް ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލި ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއާ، ޔުނައިޓެޑް އެރެބް އެމިރޭޓްސް، މިސްރު، ބަހްރެއިން، ލީބިޔާ، ޔަމަން، މޮރީޝަސް އަދި ރާއްޖެ ހިމެނެ އެވެ.
ސައުދީ އަރަބިއާއިން ވަނީ ގަތަރުން އެގައުމުތަކާ އަލުން ގުޅުން ގާއިމު ކުރަން ބޭނުން ނަމަ ގަތަރާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާއި، މިސްރުގެ މުސްލިމް ބްރަދަހުޑާ އޮތް ގުޅުން ކަނޑާލަން ޖެހޭ ކަމަށް ބުނެފައެވެ.
ގަތަރުގައި ތިއްބެވި އެހެން ގައުމުތަކުގެ ބައެއް ސަފީރުން ވަނީ ހޯމަ ދުވަހު އަނބުރާ ގައުމަށް ވަޑައިގެންފައެވެ. އަދި ސައުދީން ވަނީ އެގައުމުގެ ބޯޑަރު ބަންދުކޮށް، ކަނޑާއި ވައިގެ މަގުން ގަތަރަށް ކުރާ ދަތުރުތައް ހުއްޓުވާފައެވެ. އަދި ބަހްރެއިން އާއި މިސްރުންވެސް ވަނީ ގަތަރާ ދެމެދު އޮތް ކަނޑާއި ވައިގެ ދަތުރުތައް ހުއްޓާލައިފައެވެ.
އެ ތިން ގައުމުން ވަނީ ގަތަރުގެ ރައްޔިތުން އެގައުމުތަކުން ފޭބުމަށް ދެ ހަފްތާގެ މުހުލަތެއް ދީފައެވެ. (ބީބީސީ)