07 Jun 2017, 11:58
ޓެކްސީއަށް އަރާ މީހުންނަށް ބިރުދައްކާ ކަމުގެ ތުހުމަތުގައި ޓެކްސީ ޑްރައިވަރަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ޑްރައިވަރު ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އެ މީހާއަކީ 31 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.
އޭނާ މައްޗަށް ކުރާ ތުހުމަތަކީ، ޓެކްސީއަށް އަރާ މީހުންނަށް ބިރުދައްކާ އިންޒާރުތައް ދިނުމުގެ ތުމުމަތެވެ. ފުލުހުން ބުނީ އެ މައްސަލަ ބަލައި ތަހުގީގު ކުރަމުންދާ ކަމަށެވެ.
ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުލުން މަނާކުރުމުގެ ގާނޫނުގެ ދެ ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ އާއިލާގެ މެމްބަރަކަށް ނުވަތަ ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހަކަށް ގެއްލުމެއް ދީފާނެ ކަމުގެ ބިރުދެއްކުމަކީ ނުވަތަ އިންޒާރު ދިނުމަކީ ކުށެކެވެ.
އެ މާއްދާގެ (ރ)ގައި ބުނާ ގޮތުން އެފަދަ އަމަލެއް ކޮށްފި މީހެއްގެ އަދަބަކީ ހަ މަސް ދުވަހާއި 18 މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމެވެ.