އިންޑިޔާގެ މުމްބާއީގައި އިއްޔެ ހިންގި ބޮން ގޮއްވުމުގެ އަމަލު، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފި އެވެ.

ޓެރަރިޒަމްގެ އެ އަމަލު ކުށްވެރިކުރައްވައި، އިންޑިޔާގެ ރައީސާ ޕްރަތީބާ ޕާޓިލަށް، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ވަނީ ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިންޑިޔާގެ ރައީސާއަށާއި، އިންޑިޔާ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާ އެކު ހަމްދަރުދީ ފޮނުއްވާފަ އެވެ. އަދި އެހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެފައިވެ އެވެ.

އިންޑިޔާގެ މުންބާއިގެ މީހުން ތޮއްޖެހިފައިވާ ތިން ސަރަހައްދެއްގައި އިއްޔެ ބާރުގަދަ އެއްޗެހިތަކެއް ގޮއްވާލުމުގެ ސަބަބުން 20 މީހަކު މަރުވެ 113 މީހަކު ވަނީ ޒަޚަމްވެފަ އެވެ.