07 Jun 2017, 10:58
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގައި މަންމޯހަން ސިންގްގެ ގޮތުގައި ފެނިގެން ދާނީ ހުނަރުވެރި އެކްޓަރު އަނުޕަމް ޚޭރު ކަމަށް ޚަބަރުތައް ބުނެފި އެވެ.
'ދަ އެކްސިޑެންޓަލް ޕްރައިމް މިނިސްޓަރު'ގެ ނަމުގައި އުފައްދާ އެ ފިލްމަކީ، ހަމަ އެ ނަމުގައި ސަންޖަޔާ ބަރޫ ލިޔެފައިވާ ފޮތުގައިވާ ވާހަކަތަކުގެ މައްޗަށް އުފައްދާ ފިލްމެކެވެ.
އަނުޕަމް ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފަ އެވެ. އެ ޕޯސްޓާ އެކު އަނުޕަމް ބުނެފައި ވަނީ ކުރީގެ ބޮޑުވަޒީރުގެ ރޯލު ކުޅުމަށް ކެތްމަދުވެފައި ހުރި ކަމަށެވެ. އަދި އެއީ ޗެލެންޖިންގް ރޯލަކަށް ވާނެ ކަމަށް ބުނެފައިވެ އެވެ.

އަނުޕަމް އިންސްޓަގްރާމް ކުރި ޕޯސްޓަރުގައި އޭނާ ފެނިގެން ދަނީ މަންމޯހަން ސިންގް އާއި ދާދި އެއްގޮތަކަށެވެ. ތުނބުޅި އާއި، އައިނު އަދި ޓްރޭޑްމާކް ޓާބަން ވެސް ހިމަނާފައިވެ އެވެ.
އަންނަ އަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ އެ ފިލްމު ޑައިރެކްޓު ކުރާނީ ވިޖޭ ރަތުނާކަރް އެވެ. ސުނިލް ބޮހްރާ ޕްރޮޑިއުސް ކުރާ އެ ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ގައުމީ އެވޯޑު ހޯދާފައިވާ ހަންސަލް މެހެތާ އެވެ.