އަންހެނުން ކާރު ދުއްވުން މަނާކޮށްފައިވާ ސައުދީ އަރަބިއްޔާގައި، އަންހެނުންނަށް ކާރު ދުއްވުމުގެ ހައްގަށާއި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓަކު ހައްޔަރުކޮށްފި އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލުން ބުނާ ގޮތުގައި، 27 އަހަރުގެ ލުޖައިން ހަޘްލޫލް ހައްޔަރުކުރީ އާދީއްތަ ދުވަހު، ކިންގް ފަހުދު އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭނާ ހައްޔަރުކުރި ސަބަބު ސައުދީ ފުލުހުން ހާމަކޮށްފައި ނުވާ އިރު، ލުޖައިނަށް ވަކީލުންނާއި އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތުވެސް ފުލުހުނ ދީފައެއް ނުވެއެވެ.

ސައުދީ އަރަބިއްޔާގައި އަންހެނުން ކާރު ދުއްވުން މަނާކޮށްފައިވާ އިރު، ކާރު ދުއްވުމުގެ ލައިސެންސް ދޫކުރަނީ ހަމައެކަނި ފިރިހެނުންނަށެވެ. އެހެން ނަމަވެސް ލުޖައިން ވަނީ 2014 ވަނަ އަހަރު ފާޅުގައި އެ ގަވައިދަށް ދެކޮޅު ހަދައި، ކާރު ދުއްވައިފައެވެ. އޭނާ މަސައްކަތް ކުރީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އިން ސައުދީ އަރަބިއްޔާއަށް ކާރުގައި ދަތުރުކޮށް އެތެރެވުމަށެވެ.

އެކަމާ ގުޅިގެން އޭނާ އެ އަހަރު ހައްޔަރުކުރި އިރު، އޭނާ ވަނީ އެކަމާ ގުޅިގެން 73 ދުވަސް ޖަލުގައި ހޭދަކޮށްފައެވެ.

ބީބީސީން ރިޕޯޓުކުރާ ގޮތުގައި މިއަދުގެ ވަގުތެއްގައި ލުޖައިން ރިޔާދަށް ގެންގޮސް، ފުލުހުން އޭނާއަށް ސުވާލުކޮށް ދައުވާ ކުރުމުގެ މަސައްކަތް ކުރާނެއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލުން ތުހުމަތުކުރަނީ ލުޖައިން ހައްޔަރުކުރީ އަންހެނުންގެ ހައްގުތަކަށް އޭނާ ކުރާ މަސައްކަތަށް ހުރަސް އަޅައި. "ޖެއްސުން ކުރުމަށް" ކަމަށެވެ.

"އެކިއެކި ކަންކަން ގަބޫލުކުރާ ޓޮލަރަންޓް ގައުމަކަށް ސައުދީ ހެދުމުގެ ވައުދެއް ސަރުކާރުން ވެފައިވާ އިރު، އެގައުމުނ އަނެއްކާވެސް އެވަނީ އެ ވައުދު މުގުރާލައި، ހައްގުތައް ހޯދުމަށް ކުރާ ކޮންމެ މަސައްކަތަކަށް ހުރަސް އަޅަމުން،" އެމްނެސްޓީ އިންޓަނޭޝަނަލުން ބުންޏެވެ.