06 Jun 2017, 23:49
ހޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ޖޯޖް ކްލޫނީ އަދި އޭނާގެ އަންހެނުން، ބައިނަލްއަގުވާމީ ގާނޫނީ ވަކީލު އާމާލް އާލަމުއްދީން ކްލޫނީއަށް ދެ ޖިންސުގެ އެއްމާބަނޑު ދެ ކުދިން ލިބިއްޖެ އެވެ.
ޖޯޖް ކްލޫނީގެ ޕަބްލިސިސްޓް ސްޓޭން ރޯސެންފީލްޑް ބުނި ގޮތުގައި، އާމާލް ވިހާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އަދި އޭނާއަށް ލިބުނީ އެއްމާބަނޑު ދެކުދިންނެވެ. އެއީ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެކެވެ.
އެ ދެކުދިންނަށް ނަން ވެސް ވަނީ ކިޔައިފައެވެ. އަންހެން ދަރިފުޅަށް އެލާ ކިޔާ އިރު، ފިރިހެން ދަރިފުޅަށް ދިން ނަމަކީ އެލެކްޒެންޑަރއެވެ.
ޖޯޖްގެ ޕަބްލިސިސްޓް ބުނި ގޮތުގައި، އާމާ ލްއާއި ދެ ދަރީންގެ ހާލުވެސް ރަނގަޅެވެ.
ޖޯޖް ކްލޫނީ އާމާލްއާ ކައިވެނިކުރީ 2014 ވަނަ އަހަރުގައެވެ.
އާމާލްއަކީ އިންސާނީ ހައްގުތަކަށް ބައިނަލްއަގުވާމީ ފެންވަރުގައި ވަކާލާތުކުރާ ގާނޫނީ ވަކީލެކެވެ. އޭނާ ވަނީ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފައެވެ. އަދި އެ މަސައްކަތުގެ ތެރޭގައި، އާމާލް ރާއްޖެއަށް ވެސް ޒިޔާރަތް ކުރި އެވެ.