07 Jun 2017, 00:10
ސްރީލަންކާގެ ގައުމީ އެއަލައިން، ސްރީލަންކަން އެއާލައިންސްއިން އޮސްޓްރޭލިއާގެ މެލްބަންއަށް ކުރަން ފެށުމަށް ނިންމާފައިވާ ދަތުރުތަކަށް ޚާއްސަ ފެއާތަކެއް ކަނޑައަޅައި، އިއުލާން ކޮށްފި އެވެ.
ސްރީލަންކަން އެއާލައިންސްއިން މެލްބަންއަށް ދަތުރުތައް ކުރަން ފަށަނީ އޮކްޓޫބަރު 29 ވަނަ ދުވަހުން ފެށިގެންނެވެ. އެ ދުވަހުން ފެށިގެން ހަފްތާގެ ކޮންމެ ދުވަހަކު ވެސް ސްރީލަންކަންއިން މެލްބަންއަށް އުދުހޭނެއެވެ.
މި ދަތުރުތައް ފެށުމާ އެކު، ސްރީލަންކާގެ ކޮލޮމްބޯގައި ޓްރަންސިޓުކުރުމަށްފަހު މެލްބަންއަށް ދަތުރުކުރުމުގެ ފުރުސަތު ދިވެހީންނަށް ވެސް ލިބޭނެއެވެ.
މާލެއިން ކޮލޮމްބޯއަށް ރޭގަނޑު 8:40 ގައި އޮންނަ ފްލައިޓުގައި ކޮލޮމްބޯގައި ޖެއްސުމަށްފަހު އެރޭ ކޮލޮމްބޯ ގަޑިން 11:50 ގައި މެލްބަންއަށް ދިއުމަށް ދަތުރު ކުރާނެއެވެ. އަދި މެލްބަންއިން ކޮލޮމްބޯއަށް ފްލައިޓު އަންނާނީ ޖެހިގެން އަންނަ ދުވަހުގެ ރެއެވެ.
މި ދަތުރުތަކަށް ސްރީލަންކަންއިން ވަނީ ދިވެހީންނަށް ޚާއްސަ އަގުތަކެއްވެސް ކަނޑއަޅާފައެވެ. އެގޮތުން، އިކޮނޮމީ ކްލާހުގައި އެއްކޮޅު ޓިކެޓުގެ އަގަކީ 550 ޑޮލަރެވެ. ދެކޮޅު ޓިކެޓަކީ 1،117 ޑޮލަރެވެ. ބިޒްނަސް ކްލާހުގައި އެއްކޮޅު ޓިކެޓު 1،159 ޑޮލަރަށް ވިއްކާ އިރު، ދެކޮޅު ޓިކެޓު ވިއްކަނީ 1،980 ޑޮލަރަށެވެ.
މެލްބަންއަކީ ސްރީލަންކަންއިން 2001 ވަނަ އަހަރާ ހަމައަށް ދަތުރުކުރަމުން އައި މަންޒިލެކެވެ. އެހެން ނަމަވެސް އެ އަހަރު ސްރީލަންކަންއިން އެ މަންޒިލަށް ދަތުރުކުރުން ވަނީ ހުއްޓާލައިފަ އެވެ.