06 Jun 2017, 21:31
ދިވެހި މަސްވެރިން ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒީ) ހިމެނޭ ސަރަހައްދުގައި މަސްވެރިކަން ކުރާ ކުރުމުގައި ޕްލާސްޓިކް ބޭނުން ނުކުރަން ނިންމައިފިކަން ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ އިއުލާން ކުރައްވައިފިއެވެ.
އެމެރިކާގެ ނިއު ޔޯކްގައި ކުރިޔަށްދާ ވޯލްޑް އޯޝަންސް ކޮންފަރަންސްގައި އިއްޔެ ތަގުރީރު ކުރައްވަމުން ފިޝަރީޒް މިނިސްޓަރ ވިދާޅުވީ ޕްލާސްޓިކާއި މައިކްރޯޕްލާސްޓިކާ ގުޅިގެން ކަނޑުގެ ދިރުންތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނަ ކަމަށާއި، ފަތުރުވެރިކަމާއި މަސްވެރިކަމަށް ބަރޯސާވާ ކުދި ޖަޒީރާ ގައުމުތަކުގެ ގުދުރަތާއި ފުޑް ސެކިއުރިޓީއަށް މިއީ ބޮޑު ނުރައްކަލެއް ކަމަށެވެ.
ފިޝަރީޒް މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ މުޅި ދުނިޔޭގައިވެސް އެންމެ ތިމާވެއްޓާ ރަހުމަތްތެރި، އަދި ދެމެހެއްޓެނިވި ގޮތުގައި މަސްވެރިކަން ކުރާ ގައުމަށް ވާ އިރު، ރާއްޖޭގައި މަސްވެރިކަން ކުރާ ކުރުމުގައި ޕްލާސްޓިކް ބޭނުން ކުރުން ހުއްޓަލުމަށް ނިންމާފައި މިހާރު ވާނެ ކަމަށެވެ.
"ރާއްޖޭގެ އެއް މިލިޔަން އަކަ ކިލޯމީޓަރަށް ވުރެ ބޮޑު އީއީޒީގައި އެކި ބާވަތުގެ މަސްވެރިކަން ކުރާ 1،250 އުޅަނދުން ޕްލާސްޓިކް ބޭނުންކުރުމާއި ޕްލާސްޓިކް ކަނޑަށް އެޅުން ހުއްޓާލަން ނިންމާފައިވާކަން ފަޚުރުވެރިކަމާއެކު އަޅުގަނޑު އިއުލާން ކުރަން،" ޝައިނީ ވިދާޅުވިއެވެ.
ޝައިނީ ވިދާޅުވީ، ކަނޑުމަތީގައި މަސްވެރިކަމުގައި އުޅޭ

ވޯލްޑް އޯޝަންސް ކޮންފެރެންސްގައި ފިޝަރީޒް މިނިސްޓަރ ޑރ. ޝައިނީ ތަގުރީރު ކުރައްވަނީ--- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީމަސްވެރިންގެ ފަރާތުން ޕްލާސްޓިކް ކުނި އުފެދިއްޖެ ނަމަ އެތަކެތި ކަނޑަށް އަޅައިލުމުގެ ބަދަލުގައި، ޚާއްސަ ކަލެކްޝަން ޕޮއިންޓުތަކެއް ހަދާނެ ކަމަށާއި، އެ ޕްލާސްޓިކްތައް އެއްކުރުމަށްފަހު ދޭނީ "ޕާލީ ފޯރ ދަ އޯޝަންސް"އަށް ކަމަށެވެ.

ވޯލްޑް އޯޝަންސް ކޮންފެރެންސްގައި ފިޝަރީޒް މިނިސްޓަރ ޑރ. ޝައިނީ
ޕާލީ ފޯ ޑަ އޯޝަންސްއަކީ ކަނޑުން ނަގާ ޕްލާސްޓިކް ކުނި ރީސައިކަލް ކުރުމާއި ރީޔޫޒް ކުރުމުގައި، ރާއްޖެއާ އެކު ގާތުން މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. ރާއްޖޭގެ ކަނޑުން އެއްކުރި ޕްލާސްޓިކް ކުނި ބޭނުންކޮށްގެން އެ ޖަމިއްޔާއިން މީގެ ކުރިން ވަނީ އެޑިޑާސް ކުންފުންޏާ އެކު މަސައްކަތް ކޮށްގެން ބޫޓެއް ވެސް އުފައްދައިފައެވެ.
އިއްޔެ އޮތް ވޯލްޑް އޯޝަންސް ސަމިޓަކީ އދގެ މެމްބަރު ގައުމުތަކުން އެކުލަވާލާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން 14 ވަނަ ލަނޑުދަނޑި ކަމުގައިވާ، "ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި ކަނޑުތަކާއި ކަނޑު އަދީގެ ގުދުރަތީ ވަސީލަތްތައް ހިމާޔަތް ކުރުން" ހާސިލުކުރުމަށް ގައުމުތަކުން މަޝްވަރާކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ، ދެމެހެއްޓެނިވި ތިމާވެއްޓެއް ހާސިލުކުރުމަށްޓަކައި ހުރިހާ ގައުމުތަކުންވެސް އެކުގައި މަސައްކަތް ކުރުމަށް ގޮވާލައްވައިފައެވެ.