06 Jun 2017, 16:35
މިހިނގާ ރަމަޟާން މަހާ ގުޅިގެން އަންނަ މިއަހަރުގެ ފިތުރު އީދު ބަންދާ ގުޅުވައިގެން މިހިނގާ މޭމަހުގެ 28 ވަނަ ދުވަހާއި 29 ވަނަ ދުވަސް ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ޝައްވާލް މަހުގެ އެއް ވަނަ ދުވަހަކީ، މި ޖޫން މަހުގެ 25 ވާ އާދީއްތަ ދުވަސް ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅުއްވައިފިނަމަ، މި ޖޫން މަހުގެ 28 ވާ ބުދަ ދުވަހާއި، 29 ވާ ބުރާސްފަތި ދުވަސް ހަމަޖެހިގެންދާނީ، ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިކަމަށެވެ.
މީގެ އިތުރުން މި ޖޫން މަހުގެ 25 ވާ އާދީއްތަ ދުވަހަކީ، ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅުއްވައިފިނަމަ، އެދުވަސް ސަރުކާރު ބަންދު ދުވަހަކަށް ނުވާނޭ ކަމަށާއި، އެހެންނަމަވެސް ފިޠުރު ޢީދުގެ ބަންދު ތިން ދުވަސް (ޖޫން 26، 27 އަދި 28) އާއެކު، މި ޖޫން 29 ވާ ބުރާސްފަތި ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެހިގެންދާނޭ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ.
" މިގޮތަށް މި ހަމަޖެއްސެވީ، ފިޠުރު ޢީދާ ގުޅިގެން ޗުއްޓީގައްޔާއި އަދި އެނޫން އެހެން ބޭނުންތަކުގައި ރަށުން ބޭރަށްދާން ބޭނުންވާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ، އެކަމަށް ލުޔެއް ދެއްވުމުގެ ގޮތުންނާއި، ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނައިސް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި،" ރައީސް އޮފީހުން ބުންޏެވެ.
ޖޫން މަހުގެ 28 އަދި 29 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ހަމަޖެއްސެވުމުން، ފިޠުރު ޢީދުގެ ބަންދު ދުވަސްތަކަށްފަހު، ސަރުކާރުގެ އޮފީސްތައް ދެން ހުޅުވޭނީ ޖުލައި މަހުގެ ދޭއް ވާ އާދީއްތަ ދުވަހުއެވެ.