06 Jun 2017, 17:07
މޫސަލް(ޖޫން 6): މިމަހުގެ އެއް ވަނަ ދުވަހު އެކަނިވެސް އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ އިރާގުގެ މޫސަލްގައި 163 މީހަކު މަރާލާފައި ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ބުނެފި އެވެ.
އދގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ޒައިދު ރާއަދު އަލް ހުސެއިން ވިދާޅުވި ގޮތުގައި އައިއެސް އިން އެމީހުން މަރާލީ އެޖަމާއަތުން ހިފާފައިވާ ހުޅަނގު މޫސަލް ދޫކޮށް ދިޔުމަށް ބައެއް މީހުން މަސައްކަތް ކުރުމުންނެވެ.
"އަޅުގަނޑުމެން މުވައްޒަފުން ބުނި ގޮތުގައި އައިއެސް އިން ވަނީ ހުޅަނގު މޫސަލް ދޫކޮށް ދާން މަސައްކަތް ކުރި 163 މީހުންގެ ގަޔަށް ބަޑި ޖަހާ މަރާލާފައި،" ޒައިދު ވިދާޅުވި އެވެ.
ޒައިދުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އައިއެސްއިން އެމީހުން މަރާލި ކަމަށް ލަފާ ކުރެވެނީ މިމަހުގެ އެއް ވަނަ ދުވަހެވެ.
ދެހާސް ސާދަ ވަނަ އަހަރު އައިއެސްއިން ހިފި މޫސަލް މިނިވަން ކުރުމަށްޓަކައި އިރާގުގެ ސަރުކާރުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފެށި ވަރުގަދަ ހަމަލާތަކާ ގުޅިގެން އެތައް ހާސް މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައެވެ.
އިރާގުގެ ފައުޖުތަކުން މިހާރު ވަނީ ހުޅަނގު މޫސަލްގެ ގިނަ ސަރަހައްދުތައް ހިފާފައެވެ. ނަމަވެސް އެޖަމާއަތުން އަދިވެސް ދަނީ އާބާދީ ބޮޑު ސަރަހައްދުތަކުގައި ތިބެ ހަނގުރާމަކޮށް، އާއްމުން އައްޑަނައެއްގެ ގޮތުގައި ބޭނުން ކުރަމުންނެވެ.
އދ.ން ވަނީ އައިއެސް އިން ހިފާފައިވާ ސަރަހައްދުތަކުގައި 200،000ށް ވުރެ ގިނަ އާންމުން ތާށިވެފައި ތިބި ކަމަށާއި އެމީހުންނަށް ކާނާއާއި ފެނާއި ބޭހުގެ ދަތިކަމާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބުނެފައެވެ. (އޭއެފްޕީ)