ދިމާވި ކުއްލި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އުރީދޫގެ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމުގައި ދަތިތަކެއް ދިމާވުން އެކަށީގެންވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އުރީދޫން މިއަދު ބުނީ، އެ ކުންފުނީގެ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލްގެ ރޫޓަކަށް ދިމާވެފައިވާ ކުއްލި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން، އުރީދޫގެ އިންޓަނެޓްގެ ޚިދުމަތްތައް ބޭނުންކުރުމުގައި ދަތިތަކެއް ދިމާވުން އެކަށީގެންވާ ކަމަށެވެ.

އަދި އެފަދަ ހާލަތެއް ދިމާވެދާނެތީ، އެ މައްސަލަ ވިހާވެސް އަވަހަކަށް ހައްލުކުރުމުގެ ގޮތުން، އުރީދޫގެ އިންޓަނެޓް ޓްރެފިކް އެހެން ރޫޓްތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

"މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މަޢާފަށް އެދެން،" އުރީދޫން ބުންޏެވެ.

އެނގިފައިވާ ގޮތުގައި މިއަދު ހެނދުނުން ފެށިގެން އުރީދޫގެ އިންޓަނެޓްގެ ޚިދުމަތަށް ދަތިތަކެއް ކުރިމަތިވަމުން ދަނީ، ރާއްޖެއާ އިންޑީއާއާ ދެމެދު އަޅާފައިވާ ސަބްމެރީން ކޭބަލަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.

މީގެ އިތުރުން ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތްދޭ ރާއްޖެ އޮންލައިން (އާރްއޯއެލް) އިން ވެސް ވަނީ، އެ ކުންފުނީގެ ފައިބަރ ލިންކަށް ދިމާވެފައިވާ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ޚިދުމަތަށް ބުރޫއަރަމުންދާކަން ހާމަކޮށްފައެވެ.